ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސިއްހީ ދާއިރާގެ ވަޒީފާތަކަށް ޒުވާނުން ތައްޔާރުވުމަށް ރައީސް އެދިވަޑައިގެންފި

ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ޒުވާނުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު ޒުވާނުންގެ ކިބައިން މިކަމަށް އެދިވަޑައިގެންނެވީ މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރައަށް މިމަހުން ފެށިގެން ގެނެވުނު ހެޔޮ ބަދަލުގެ ސަބަބުން، ސިއްހީ ހިދުމަތުގެ ދާއިރާތަކުން ތައުލީމު ހާސިލްކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް މިހާރު އަންނަނީ މީގެ ކުރިން ފުޅާނުވާހާ މިންވަރަށް ފުޅާކުރެވެމުން ކަމުގައި ވިދާޅުވި އެވެ.

"މިގޮތުން މިހާރު ކުރިއަށްދާ ހިދުމަތްތަކާ އެކު، ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ. އަދި މިއީ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށް ބަލަބަލައި ތިބި ޒުވާނުންނަށް، ފަހިކޮށްދެވޭ ފުރުސަތުތަކެއް. އެފަދަ ދާއިރާތަކުން ތައުލީމު ހާސިލްކޮށް، އަމިއްލަ ރަށާއި ގައުމަށް ހިދުމަތް ކުރުމަށް ޒުވާނުން ތައްޔާރުވުމަށް އެދެން. ދިވެހި ގިނަ ޒުވާނުންތަކެއް ރާއްޖޭގެ ސިއްހީ ހިދުމަތަށް ނުކުންނާނޭ ކަމަށް އަޅުގަނޑު އުއްމީދުވެސް ކުރަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި އާއްމު ސިއްހަތުގެ އޭރާއި މިހާރުގެ ހާލަތު އޮތް ގޮތަށް ބައްލަވާލައްވަމުން ރައީސް ސޯލިހް ވިދާޅުވީ ކުރިން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވަމުން އައީ ގައިންގަޔަށް އަރާ ބަލިތަކުގައި ކަމަށެވެ. ނަމަވެސް، މިހާރު ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަމުން އަންނަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށް ވުމަކީ، ދިރާސާކޮށް އެކަމުގެ ހަގީގަތް ހޯދަން ޖެހިފައިވާ މައްސަލައެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރުގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ "ސިއްހަތު އެންމެނަށް" މިޝިއާރާ ގުޅޭ ބައެއް ވާހަކަތައްވެސް ހިއްސާކުރެއްވި އެވެ. އެގޮތުން ރައީސް ވިދާޅުވީ އެއީ ރާއްޖޭގައި އަލުން ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ، ޕަބްލިކް ހެލްތުގެ ދާއިރާއާ ވަރަށް ގުޅޭ ޝިއާރެއް ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ހިދުމަތުގެ ތާރީހުގައިވެސް، އެންމެ ކާމިޔާބު ސިއްހީ ހިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުން ކަމުގައި ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ވާހަކަފުގައި މިއަހަރަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް 75 އަހަރު ފުރޭ އަލިމަސް އަހަރުކަން ފާހަގަކުރައްވައި، އެޖަމިއްޔާގެ އިސްވެރިންނަށް ތަހްނިޔާ ވިދާޅުވި އެވެ. މީގެ އިތުރުން ރާއްޖޭގެ ސިއްހީ ހިދުމަތްތަކުގެ ތާރީހަށާއި ސިއްހީ ދާއިރާއިން ރާއްޖެއިން ހޯދި ކާމިޔާބީތަކުގައި ޑަބްލިޔުއެޗްއޯއިން އަދާކޮށްފައިވާ މުހިއްމު ދައުރު ރައީސް ވަނީ ފާހަގަކުރައްވާފަ އެެވެ. މިގޮތުން މުޅި ދުނިޔެއިންވެސް މެލޭރިޔާ ނައްތާލެވުނު ފުރަތަމަ ގައުމަށް ރާއްޖެވެގެން ދިޔައިރު، ފައިލޭރިޔާއާ، ހިމަބިއްސާއި، ރުބެއްލާ އަދި ޕޯލިއޯއާ ޓެޓްނަސް ނައްތާލެވި، މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ އާއި ސިފިލިސް ވާރުތަނުވާ ގައުމަކަށް ރާއްޖެ ވެގެންދިޔުމާއި، ކޯވިޑް-19ގެ ހާލަތުން އަރައިގަތުމުގައި ޑަބުލިޔުއެޗްއޯއިން ފޯރުކޮށްދިން އެހީތައް ރައީސް ފާހަގަކުރެއްވި އެވެ. އަދި ސިއްހީ ދާއިރާއިން ރާއްޖެ ހޯދި ކޮންމެ ކާމިޔާބެއްގައި ޑަބްލިޔޫއެޗްއޯގެ ހިއްސާ ވަރަށް ބޮޑު ކަމުގައި ވިދާޅުވި އެވެ.