ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާދޭ ސެންޓަރު ހުޅުވައިފި

Mar 15, 2022

ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ރަސްމީގޮތުން ހުޅުވައިދެއްވައިފި އެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހެނދުނު ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހްގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ނައިބް ރައީސް ފައިސަލް ނަސީމާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ސެންޓަރު ހުޅުއްވައިދެއްވުމަށްފަހު ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި ނައިބް ރައީސް ވަނީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ބައްލަވާލައްވާފަ އެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަކީ ނުކުޅެދުންތެރިކަން ތަހައްމަލް ކުރަމުންދާ ކުދިންނާ އެކުދިންގެ އާއިލާތަކަށް ބޭނުންވާ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ ގޮތުން ގާއިމުކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރުގައި ހިދުމަތް ފޯރުކޮށްދެނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށެވެ. އެގޮތުން ޖިސްމާނީ، ވިސްނުމުގައި އުނިކަމާއި އުނގެނުމުގެ ދަތިކަން ހުންނަ ކުދިން، ސިކުނޑިއާ ނާރުތަކުގެ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންނާއި ވާހަކަދައްކަން ދަތިކަން ހުންނަ ކުދިންނަށް މި ސެންޓަރުގައި ފަރުވާ ފޯރުކޮށްދެ އެވެ.

ސެންޓަރުގެ ޚިދުމަތް ރަސްމީ ގޮތުން ފެށުމުގެ ކުރިން ބައެއް ހިދުމަތްތައް ވަގުތީގޮތުން ފޯރުކޮށްދީފައިވެ އެވެ. އެގޮތުން މި ސެންޓަރުގައި 67 ކުއްޖަކު މިހާރު ރެޖިސްޓްރީވެ ހިދުމަތް ހޯދަމުންދެ އެވެ.

މި ސެންޓަރުގެ މަގުސަދަކީ ސެންޓަރުގެ ހިދުމަތް ހޯދާ ކުދިން، ދިރިއުޅޭ މާހައުލުގައި އަދި މުޖުތަމަޢުގައި އެންމެ ފުރިހަމައަށް އަމިއްލައަށް އުޅެވޭނެ ގޮތްތަކަށް މަގުފަހިކޮށްދީ މަސައްކަތްކޮށްދިނުމުވެ. އެގޮތުން އެކުދިންނަށް ބޭނުންވާ ތެރެޕީއާ ރިހެބިލިޓޭޓިވް ފަރުވާފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ.

ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ މި ސެންޓަރުން ލިބޭ ހިދުމަތްތަކަކީ މީގެ ކުރިން، ރާއްޖޭގައި ހޯދަން އުނދަގޫ ޚިދުމަތްތަކެއް ކަމަށެވެ. އެކަމަކު ސެންޓަރުގެ ހިދުމަތް ރަސްމީގޮތުން ފެށުމާއެކު އެފަދަ ހިދުމަތްތައް ހޯދަންޖެހޭ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ސެންޓަރުގެ ހިދުމަތް ފުޅާކޮށް، މުސްތަގްބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތަކެއް ގާއިމުކުރެވިގެންދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން އެ މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ އެ ސެންޓަރަށް ބޭނުންވާ ބައެއް ހާއްސަ ތަކެތި ހަދިޔާ ކުރައްވާފަ އެވެ.