ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަންޖެހުމާއި، ރަށްރަށުން މާލެ ގެންނަންޖެހުން މަދުކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ.
ނައިބު ރައީސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މާލެއާ އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރި މަސައްކަތަކީ ވަރަށް ކާމިޔާބު މަސައްކަތެއްކަން ފާހަގަކުރައްވާފަ އެވެ. ސަރަހައްދީ ހޮސްޕިޓަލްތަކާއި ރަށްރަށުގައި އާ ހިދުމަތްތައް ފެށުމާއި ހިދުމަތްތައް ފުޅާކޮށް، ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވުން ކުޑަކުރުމަށް އައިޖީއެމްއެޗުން ލިބުނު އެއްބާރުލުން ވެސް ފާހަގަކުރެއްވި އެވެ.
އައިޖީއެމްއެޗުން ތައާރަފުކުރި އާ ހިދުމަތްތައް އިތުރަށް ފުޅާކުރުމާއި އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާ ޓާޝަރީ ހޮސްޕިޓަލްތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކާއި އައިޖީއެމްއެޗް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބް ރައީސް ވިދާޅުވި އެވެ. ސިއްހީ ހިދުމަތް ހޯދުމަށް ރަށްރަށުން މާލެ އައުން މަދުކުރުމާއި ރާއްޖެއިން ބޭރަށް ދިއުން މަދުކުރެވޭނެ ގޮތަށް އަދިވެސް ބާރުލާ އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަންވެސް ނައިބް ރައީސް ފާހަގަކުރެއްވި އެވެ.
"ހާއްސަކޮށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކާ މުއާމަލާތުކުރުމުގައި އޯގާތެރިކަން އިސްކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަންދިނުމަށް މުވައްޒަފުންގެ ކިބައިން އެދެން،" ނައިބު ރައީސް ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި އައިޖީއެމްއެޗްގެ އިސްވެރިން ވަނީ ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު މަތިކުރުމާއި ހިދުމަތް ފުޅާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ހިދުމަތްދިނުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން އޮންލައިންކޮށް ގިނަ ހިދުމަތްތައް ހޯދޭނެ ގޮތަށް ސޮފްޓްވެއާ އަށް ގެންނަ ބަދަލުތަކާއި ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތާއި މުވައްޒަފުންގެ ދަތިކަމާއި އަދި މާލީގޮތުން ކުރިމަތިވާ ދަތިތައް ނައިބް ރައީސް އަށް ވަނީ ހުށަހަޅުއްވާފަ އެވެ.
އިސްވެރިންގެ ހުށަހެޅުންތަކާއި ގުޅިގެން ނައިބް ރައީސް ވިދާޅުވީ ހުށަހެޅުއްވި ކަންކަން ހައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށްގެން މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
މިބައްދަލުވުމަށްފަހު ނައިބް ރައީސް ފައިސަލް ނަސީމު ވަނީ އައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރާއި ސެންޓާ ފޯ މެންޓަލް ހެލްތައް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ހިދުމަތް ދިނުމުގައި ހުރި ދަތިތައް އޮޅުން ފިލުއްވާފަ އެވެ.