ރައީސް އޮފީސް

މަސްނޫއީ އަތާއި ފައި ހަދައިދޭ ފުރަތަމަ ލެބް ހުޅުވައިފި

މަސްނޫއީ އަތާއި ފައި ހަދައިދޭ ފުރަތަމަ ލެބް ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވައިފި އެވެ.

އިންޑިޔާގެ ސަރުކާރުގެ އެހީގައި ގާއިމުކުރި މި ލެބް މިއަދު ހުޅުވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިން ލެބޯޓްރީއެއް ހުޅުވީ ރާއްޖޭގައި މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ.

މިރަސްމިއްުޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ސިއްހީ ދާއިރާ ހަރުދަނާކޮށް އެއްވެސް މީހަކު ބާކީނުކުރުން ކަމަށެވެ. އަދި އެންމެ ބޭނުންޖެހިފައިވާ މީހުނަށް އެ ބޭނުންތައް ފުއްދައިދިނުން ކަމުގައި ވިދާޅުވި އެވެ.

"އެގޮތުން މިއަދު ހުޅުވުނު ލެބުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެކަމުން ފަސޭހަތަކެއް ލިބިގެންދާނެ،" ފައިސަލް ވިދާޅުވި އެވެ.

ޕްރޮސްތެޓިކް އެންޑް އޯތޮޓިކް ލެބަކީ ހާއްސަ އެސިސްޓިވް ޑިވައިސްތައް ތައްޔާރުކުރެވޭނެހެން ގާއިމްކޮށްފައިވާ ލެބެކެވެ. މީގެކުރިން ޕްރޮސްތެޓިކް ނުވަތަ އޯތޮޓިކް އެސިސްޓިވް ޑިވައިސްތައް ބޭނުންވާ ފަރާތްތަކަށް މި ތަކެތި ހޯދަމުން ދިޔައީ ރާއްޖެއިން ބޭރުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި މި ވަސީލަތްތައް ތައްޔާރު ކުރެވެން ފެށުމުން ސަރުކާރުން މިކަމަށް ހޭދަކުރާ ހަރަދު ތިން ގުނަ ސަލާމަތް ކުރެވިގެން ދިޔުމުގެ އިތުރަށް މިކަމަށް ބޭނުންވާ ފަރާތްތަކަށް ރާއްޖެއިން ބޭރަށް މި ފަރުވާ ހޯދަން ނުގޮސް ރާއްޖެއިން އަވަހަށް މި ތަކެތި ލިބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.