ފައިސަލް ނަސީމް

ސިއްހީ ދާއިރާ ކުރިއެރުވުމުގައި އަމިއްލަ ފަރާތްތަކުގެ ދައުރު ބޮޑު: ފައިސަލް

ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން ވަރަށް ބޮޑުކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ އޮޕަރޭޝަންތައް ކުރަން ފެށުނު ދުވަސް ފާހަގަކުރުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުން ކުރިއަށްގެންދާ، "ކާޑިއަކް ވޯކްޝޮޕް 2023" ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ފައިސަލް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއެރުވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ހާއްސަކޮށް އަތޮޅުތަކުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށް ގިނަ މަސަކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. މިގޮތުން ސިއްހީ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް ފެންވަރު ރަގަޅު ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

ނައިބް ރައީސް ވިދާޅުވީ ރާއްޖެ އިން ސިއްހީ ދާއިރާއިން ހޯދަމުންދާ ކުރިއެރުންތަކުގައި، އާ ޓެކްނޮލޮޖީއާއެކު މަތީފެންވަރުގެ ހިދުމަތްތަކާއި ފަރުވާތައް ތައާރަފްކޮށް ސިއްހީ ދާއިރާ ކުރިއެރުވުމަށް އޭޑީކޭ ހޮސްޕިޓަލުން ކޮށްފައިވާ މަސައްކަތްތަކާއި ހޯދާފައިވާ ކާމިޔާބީތައް ގިނަ ކަމަށެވެ.

ފައިސަލް ވިދާޅުވީ ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއި އެކު ސިއްހީ ދާއިރާއިން ތައްޔާރުވާންޖެހޭ ކަމަށާއި އަދި ހަމައެގޮތަށް ސިއްހަތަށް ރައްކާތެރިވެ ދިރިއުޅުމުގެ އާދަތަކާއި މެދުވެސް ވިސްނަންޖެހޭ ކަމަށެވެ. ރާއްޖޭގެ ހާލަތަށް ބަލައި އާއްމުން ހޭލުންތެރިކަން އިތުރުކޮށް ކެއިންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އެކަމަށް އާއްމު ސިއްހަތާއި ނަފްސާނީ ސިއްހަތަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް މިވަނީ ޖެހިފައި،" ނައިބް ރައީސް ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ އޭޑީކޭ ހޮސްޕިޓަލުން ތައްޔާރުކޮށްފައިވާ "ކާޑިއަކް ޕޭޝަންޓް ހޭންޑް ބުކް" ވެސް ނެރެދެއްވާފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބާއްވާ "ކާޑިއަކް ވޯކްޝޮޕް 2023" އަކީ ރާއްޖޭގައި ހިތުގެ ބަލިތަކާއި ފަރުވާތަކާއި ގުޅޭ ގޮތުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި، ކޮލެޖްތަކާއި ޔުނިވަސިޓީތަކުގައި ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދީ، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ވޯކްޝޮޕެކެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވަނީ އޮގަސްޓް 8، 2018ގައި އޭޑިކޭ ހޮސްޕިޓަލް ގައެވެ.