މިނިސްޓްރީ އޮފް ހެލްތު

ޕްރައިމަރީ ހެލްތު ކެއާ ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށް އެފަދަ ބަލިތައް އަވަހަށް ދެނެގަނެ ވީހާވެސް އަވަހަށް އަވަސް ފަރުވާ ފެށުމަށްޓަކައި ބޭނުންވާ ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިމަސައްކަތް ފައްޓަވައި ދެއްވީ ފ. އަތޮޅު ހޮސްޕިޓަލްގެ 27 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، އެ ހޮސްޕިޓަލްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

މީގެކުރިން 1980 އާއި 1990ގެ އަހަރުތަކުގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއާ ނިޒާމުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެހެން ނަމަވެސް އޭގެފަހުން އެކަމަށް އަޅާނުލެވި އޮތުމުގެ ސަބަބުން އަލުން ޕްރައިމަރީ ހެލްތް ކެއާ ނިޒާމު ދިރުވައި ހަރުދަނާކުރަންޖެހޭ ކަމަށް ސަރުކާރަށް ފެނިގެން އެމަސައްކަތް ފެށީ އެެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމު ވަނީ ރާއްޖޭގައި ޕްރައިމަރީ ހެލްތް ކެއާ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ނައިބް ރައީސް ވިދާޅުވީ ސިއްހީ ހިދުމަތް ލިބޭނެ ތަންތަން ހުރުމަކީ ބަލިތަކުން ދުރާލައި ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ފަރުވާކުޑަކޮށްލައިގެންވާނޭ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ހެލިފެލިވެ އުޅުމަށާއި ކަސްރަތު ކުރުމަށް އިސްކަންދިނުމަށް ނަސެހަތްތެރިވެ ވަޑައިގެންފަ އެވެ.

"އެއީ ޤައުމީ ކަމެއްގެ ގޮތުގައި ބަލައިގަނެ ޕްރައިމަރީ ހެލްތް ކެއާ ޕްރޮމޯޓްކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ހުރިހާ މީޑިއާތަކުންނާއި އާއްމު ރައްޔިތުންވެސް ފުރިހަމައަށް އެއްބާރުލުންދިނުން މުހިއްމު،" ނައިބް ރައީސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ތަރައްގީކުރުމަށް މި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މިގޮތުން އަތޮޅުތަކުގެ ސިއްހީ ހިދުމަތުގެ އުމްރާނީ ތަރައްގީއަށާއި އިންސާނީ ވަސީލަތްތަކުގެ ތަރައްއަގީށް ކުރެވެމުން އަންނަ މަސައްކަތްތަކާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް ގެނެވިފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ޕްރައިމަރީ ހެލްތުކެއާ އާލާކޮށް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން ހިދުމަތްދިނުމުގައި އަމަލުކުރުމަށް މިހާރު ވަނީ އާ "ކެއާ ޕާތްވޭ" އެއް އެކުލަވާލާފަ އެވެ. މި "ކެއާ ޕާތްވޭ" އާއި އެއްގޮތަށް މިއަދުން ފެށިގެން ފ. އަތޮޅުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ހިދުމަތްތައް އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށް ވަނީ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޕްރައިމަރީ ހެލްތުގެ ނިޒާމަކީ ސިއްހީ ހިދުމަތް ދިނުމުގައި ފަރުވާގެ އިތުރުން، ބަލިތަކުން ދުރާލާ ރައްކާތެރިވެ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސިއްހީ މައުލޫމާތު ދިނުމާ ތިމާގެ ސިއްހީ ހާލަތު ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދުމާ، މީހާގެ ސިއްހީ ހަލާތާ ދިރިއުޅުމުގެ ހާލަތަށް ރިއާޔަތްކޮށް، އެމީހަކަށް ނުވަތަ އެ މުޖުތަމައަކަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުވާ އާއި އެހެނިހެން ހިދުމަތްތައް އިންތިޒާމުކުރަމުންދާ ނިޒާމެކެވެ.