އޭޑިކޭ ހޮސްޕިޓަލް

އޭޑީކޭއިން ނާސިން ސްކޮލާޝިޕުގެ ތިން ފުރުސަތު ހެލްތު މިނިސްޓްރީއަށް

Mar 15, 2023

ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ހިންގާ އެޑްވާންސްޑް ޑިޕްލޮމާ އިން ނާސިން ސްކޮލާޝިޕުތަކެއް އޭޑީކޭ ހޮސްޕިޓަލުން ހެލްތު މިނިސްޓްރީއަށް ދީފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ހުންނަ ޝާފިޔާ އިންސްޓިޓިއުޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ސްކޮލާޝިޕުތައް މިނިސްޓްރީއަށް ދެއްވީ ޝާފިޔާ އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޑރ. އަހުމަދު ޒިޔާން އެވެ. ސްކޮލާޝިޕުތަކާ މިނިސްޓްރީގެ ފަރާތުން ހަވާލުވެލެއްވީ ޕާމަނަންޓް ސެކެޓްރީ އާއިޝަތު ސާމިޔާ އެވެ.

ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ ގޮތުން ފެށުމަށް ހަމަޖެހިފައިވާ އެޑްވާންސްޑް ޑިޕްލޮމާ އިން ނާސިން ސްކޮލާޝިޕުން ތިން ފުރުސަތު ދީފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. ސްކޮލާޝިޕުން ފަސް ފުރުސަތު ދޭނީ ޝާފިޔާ އިންސްޓިޓިއުޓުންނެވެ.

ސްކޮލާޝިޕުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމު އޭޑީކޭ ހޮސްޕިޓަލުގެ ވެބްސައިޓް އާއި ހޮސްޕިޓަލުގެ އެޑްމިން އޮފީހުން ލިބެން ހުންނާނެ އެވެ. ފޯމު ފުރިހަމަކުރުމަށްފަހު މެއިލް ކުރާނީ [email protected] އަށެވެ.

ސްކޮލާޝިޕަށް ކުރިމަތިލާ ދަރިވަރަކީ ޖީސީއީ އޯލެވެލްގެ ތިން މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ އަދި ޖީސީއީ އޭލެވެލް ދެ މާއްދާއިން ފާސްވެފައިވާ ދަރިވަރަކަށް ވާންޖެހެ އެވެ. ނުވަތަ މޯލްޑިވްސް ނާސިން ކައުންސިލުން ގަބޫލުކުރާ ލެވެލް ހަތަރެއްގެ ސަނަދެއް ހާސިލުކޮށް ޖީސީއީ އޯލެވެލްގެ އިނގިރޭސި މާއްދާއިން ދަށްވެގެން ސީ ފާސް ނުވަތަ އެ ފެންވަރުގެ އެހެން ސެޓިފިކެޓެއް އިނގިރޭސި މާއްދާއިން ހޯދާފައިވާ ދަރިވަރަކަށް ވާންޖެހެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނި ގޮތުގައި ސްކޮލާޝިޕުން ފުރުސަތު ލިބޭނީ އެންމެ ފެންވަރު ރަނގަޅު ކުދިންނަށެވެ. ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް އޭޑީކޭއިން ވަޒީފާގެ ފުރުސަތު ކަށަވަރުވާނެ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މިއީ ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލަކުން މިފަދަ ކޯހެއް ހިންގާ ފުރަތަމަ ފަހަރެވެ. ކޯހުގެ ފުރަތަމަ އިންޓޭކަށް 15 ކުދިންނާއި 20 ކުދިންނާ ދެމެދުގެ އަދަދަކަށް ކުދިން ނަގާނެ އެވެ.

އޭޑީކޭ ހޮސްޕިޓަލުން ބުނި ގޮތުގައި ތިން އަހަރު ދުވަހަށް ކުރިއަށް ގެންދާ ކޯހުގެ އަގަކީ 96،500 ރުފިޔާ އެވެ. ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.