ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ސިއްހީ ދާއިރާ ނަތީޖާ އެންމެ ރަނގަޅު ގައުމަކީ ރާއްޖެ ކަމަށާއި އެކަމަކު އެ ނަތީޖާ ހޯދާފައިވަނީ އެހެން ގައުމު ތަކަށްވުރެ ބޮޑު ހަރަދެއް ކޮށްގެން ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ވޯލްޑް ބޭންކުން ނެރެފައިވާ މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރް) ގައި ބުނެފައިވަނީ 2014 އިން 2019 އަށް ރާއްޖޭގައި ތުއްތު ކުދިން މަރުވާ އަދަދު 2.8 ޕަސެންޓް ދަށް ކުރެވިފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި މައިން މަރުވާ މިންވަރު ތިން ޕަސެންޓް ދަށް ކުރެވިފައިވާ ކަމަށެވެ.
"މިއީ މެދު ފަންތީގެ އާމްދަނީ ލިބޭ އެހެން ގައުމުތަކުން ވެސް ފެންނަ ފަދަ ނަތީޖާ އެއް. އެކަމަކު މި މެދު ފަންތީގެ އާމްދަނީ ލިބޭ އެހެން ގައުމުތަކަށް ވުރެ ބޮޑު އެއްޗެއް ރާއްޖޭން ސިއްހީ ދާއިރާ އަށް ހޭދަ ކޮށްފައިވޭ،" ވޯލްޑް ބޭންކުގެ ރިވިއުގައިވެ އެވެ.
ރިވިއުގައި ބުނެފައިވަނީ ރާއްޖެއިން ހޯދާފައިވާ ނަތީޖާ ނެރުމަށް ސިއްހީ ދާއިރާއަށް ނުބައްދަލު ހަރަދު ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ހަރަދު ބޮޑުވި ކަމަށް ފެންނަ ސަބަބުތައް ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން މެދުފަންތީގެ އެހެން ގައުމުތަކާއި އެއްވަރެއްގެ ނަތީޖާއެއް ނެރުމަށް ރާއްޖޭން ބޮޑު ހަރަދެއް ކުރަން ޖެހުނީ، ރާއްޖޭގެ ސިއްހީ ދާއިރާގައި އެކަށީގެންވާ ވަރަށް ތަމްރީން ވެފައިވާ މީހުން ނެތުމުން ކަމަށް ވެދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.
"ސިއްހީ ދާއިރާއަށް ބޭނުންވާ ވަރަށް ތަމްރީންވެފައިވާ މީހުން ނެތުމުން ރާއްޖެ އަށް ޖެހެނީ ބޭރުން ބޮޑު އަގު ދީފައި މީހުން ގެންނަން. އެގޮތުން 2019 ވަނަ އަހަރަށް ބަލާއިރު ރާއްޖޭގައި މަސައްކަތް ކުރި 64 ޕަސެންޓް ޑޮކްޓަރުންނާއި، 42 ޕަސެންޓް ނަރުހުންނަކީ ބޭރު މީހުން،" ރިވިއުގައި ބުނެ އެވެ.
މީގެ އިތުރުން ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ ވެސް ރާއްޖޭގައި، މި ސަރަހައްދުގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު މާބޮޑަށް ވެސް ރަނގަޅު ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ. ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަން ފެށުމުގެ ކުރިންވެސް ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ އެހެން ގައުމުތަކަށް ވުރެ ބޮޑުތަން ރަނގަޅު ކަން ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ.
ރިވިއުގައި ބުނެފައިވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ރަނގަޅު އިންވެސްޓްމަންޓްތައް ލިބިފައިވާ ކަމަށާއި، އާސަންދަ އާއި އެކު އާންމުންގެ ޖީބަށް، ސިއްހީ ކަންކަމުގައި އަންނަ ބަރު ބޮޑުތަނުން ލުއިވެގެން ގޮސްފައިވާ ކަމަށެވެ. އެކަމަކު އާސަންދަ އަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށައި، މި ސްކީމުގެ ދަށުން ކުރާ ހަރަދުތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުން ލަފާ ދީފައިވެ އެވެ.
މީގެއިތުރުން ދިވެހިންގެ ދިރިހުރުމުގެ އެވްރެޖް އުމުރު 2019 ގައި 78.9 އަހަރަށް އަރާފައިވާ ކަމަށާއި، އެއީ މެދު ފަންތީގެ އާމްދަނީ ލިބޭ އެހެން ގައުމުތަކަށް ވުރެ އަދި މި ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ވެސް މަތީ އަދަދެއް ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ. މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި އެވްރެޖް އުމުރު 75.9 އަހަރުގައި ހުރި އިރު، މި ސަރަހައްދުގެ އެހެން ގައުމުތަކުގައި އެވްރެޖް އުމުރަކީ 70.6 އަހަރު ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.
ސިއްހީ ދާއިރާގެ މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލްސް އާއި މޯޓަލިޓީ-ބޭސްޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ރާއްޖޭން މާކުރިން ކާމިޔާބު ކޮށްފައިވާ ކަމަށްވެސް ވޯލްޑް ބޭންކުގެ ރިވިއުގައި ބުނެ އެވެ. އެގޮތުން ރާއްޖޭގައި ތުއްތު ކުދިންނާއި، ފަސް އަހަރުން ދަށުގެ ކުދިން މަރުވާ މިންވަރު 1990 އިން 2019 އަށް 90 ޕަސެންޓް ދަަށް ކުރެވިފައިވާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އަދި ރާއްޖޭގައި މާބަނޑު ދުވަސްވަރު ދިމާވާ މައްސަލަ ތަކުގެ ސަބަބުން 2000 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް މައިން މަރުވާ މިންވަރު ދެބައިކުޅަ އެއްބައި ދަށްވެފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެ އެވެ.
މީގެއިތުރުން ވެސް ރާއްޖޭން ވަނީ ސިއްހީ ދާއިރާގައި މި ސަރަހައްދުގެ ގައުމުތަކާއި އަދި މެދުމިނުގެ އާމްދަނީ ލިބޭ އެހެން ގައުމުތަކާއި އަޅާބަލާއިރު ގިނަ ދާއިރާ ތަކަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށްވެސް ވޯލްޑް ބޭންކުން ބުނެ އެވެ.