އޭޑިކޭ ހޮސްޕިޓަލް

އޭޑީކޭގައި ފަރުވާ ދިނުމަށް ރޮބަޓެއް ބޭނުންކުރަނީ

Sep 21, 2022

ރޮބަޓިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ހިދުމަތް ދޭން ފަށައިފި އެވެ.

މި ހިދުމަތް ދެނީ ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ އެއް ހޮސްޕިޓަލް -- އޭޑީކޭގަ އެެވެ.

އޭޑީކޭގެ ފަރާތުން މިކަން އިއުލާންކުރީ އެ ހޮސްޕިޓަލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސްގަ އެވެ.

އޭޑީކޭގައި ރޮބަޓިކް ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް އެ ހޮސްޕިޓަލުން އެންމެ ފުރަތަމަ އިއުލާން ކުރީ 2019 ވަނަ އަހަރު ބޭއްވި ކޮންފަރެންސް ގައެވެ.

ކްރޮސްރޯޑްސްގައި ކުރިއަށް ގެންދާ ހަތަރުވަނަ ކޮންފަރެންސްގައި އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ ރޮބަޓެއްގެ އެހީގައި އޭޑީކޭގައި މިހާރު ހިދުމަތް ދެމުންދާ ކަމަށެވެ.

"މިއީ އެޑްވާންސް ރޮބޮޓިކް ރިހިބިލިޓޭޝަން ޓެކްނޮލޮޖީ ރާއްޖޭގައި ބޭނުންކުރާ ފުރަތަމަ ފަހަރު،" އައްފާލް ވިދާޅުވި އެވެ.

މެލޭޝިއާގެ ކުންފުންޏަކުން އުފައްދާފައިވާ ކިއޯގޯ ރޮބޮޓްގެ އެހީގައި ފަރުވާ ދެނީ އެކި ސަބަބުތަކާ ގުޅިގެން ހަށިގަނޑުން ވާގި ނެތިފައިވާ މީހުންނަށާއި ޖިސްމާނީ ނުކުޅެދުންތެރިކަމަކާ ގުޅިގެން ހަށިގަނޑުގައި ވަރުޖެއްސުމަށް ބޭނުންވާ މީހުންގެ ހަށިގަނޑުގައި ވަރުޖެއްސުމަށެވެ.

އޭޑީކޭގެ "ބްރެއިން އެންޑް ސްޕައިން" ކޮންފަރެންސަކީ މި ދާއިރާގެ ރިސާޗްތަކާއި އާ ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހިއްސާކުރުމުގެ ފުރުސަތެއް ހޯދައި ދިނުމުގެ ގޮތުން ބާއްވާ ކޮންފަރެންސެކެވެ.