މޯލްޑިވްސް ޕޮލިސް ސާވިސް

ވޭޕްގެ ޖޫރިމަނާ އަންގާނީ ފޯނަށް ފޮނުވާ މެސެޖަކުން

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު އިސްލާހުކޮށްގެން ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުމާއި ބެހުން މަނާކޮށްފައިވާތީ ގާނޫނާ ހިލާފަށް އަމަލުކުރާ މީހުން ޖޫރިމަނާކުރިކަން އަންގާނީ ފޯނަށް ފޮނުވާ މެސެޖަކުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި، ހިލޭ ދިނުމާއި، ބެހުމާއި އަދި އެކަކު އަނެކަކަށް ދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި، ޖޫރިމަނާކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ އިތުރުން މިފަދަ އާލާތްތައް ބޭނުންކުރާ ފަރާތްތަކާ ދެކޮޅަށްވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ފުލުހުން ބުންޏެވެ. އަދި ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވާނެ ކަމަށްވެސް ބުންޏެވެ.

"މި މެސެޖުގައި، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމެނިފައި ވާނެ،" ފުލުހުންގެ މެސެޖުގައިވެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ގެނެވުނު އިސްލާހަށް ހުރިހާ އެންމެންވެސް ފުރިހަމައަށް އަމަލުކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"އަޅުގަނޑުމެން އެންމެންގެވެސް އަމާޒަކަށް ވާންވާނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމެވެ،" ފުލުހުން ބުންޏެވެ.

ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުމާއި ބެހުން މަނާކުރީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ވޭޕަށް ބޭނުންވާ އާލާތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ވޭޕް ކުރުމަށް ބޭނުންވާ ކޮންމެ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

ވޭޕްގެ އާލާތެއް ވިއްކައިފިނަމަ 20،000 ރުފިޔާއިން ޖޫރިމަނާކޮށް، ވިއްކާ ކޮންމެ އާލާތަކަށް 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ވެސް ވަނީ ނިންމާފަ އެވެ. މީގެއިތުރުން ވޭޕް ބޭނުންކުރާނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.