މޯލްޑިވްސް ޕޮލިސް ސާވިސް

ފަޒީ ކްލިނިކް ބަންދުކޮށްފި

ހެލްތު މިނިސްޓްރީގެ އެންގުމަށް ފަޒީލާ އުސްމާން ހިންގަމުން ދިޔަ ހިޖާމާ ކުލިނިކް ފުލުހުން ގޮސް ބަންދުކޮށްފި އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފަޒީސް ހިޖާމާ ކްލިނިކް، ހެލްތު މިނިސްޓްރީގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ހިންގަމުން ދާތީ އެ ތަން ބަންދުކޮށްދިނުމަށް މިނިސްޓްރީން ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާތީ އެތަން މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ކްލިނިކް ބަންދުކުރުމަށްފަހު ގާނޫނާއި ގަވައިދާ އެއްގޮތައް ނަގަންޖެހޭ ހުއްދަތައް ނެގުމަށް ތަނުގެ ވެރިފަރާތަށް ލިޔުމުން އަންގާފައިވާނެ ކަމަށެވެ.

"މިމައްސަލާގައި ތަނުގެ ވެރިފަރާތުން ފުލުހުންނަށް އެއްބާރުލުންދޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފަޒީލާގެ ކްލިނިކް ބަންދުކުރުމަށް ހެލްތް މިނިސްޓްރީން މީގެ ކުރިންވެސް އެންގި އެވެ. ނަމަވެސް އޭރު އެ އެންގުމަށް އަމަލުނުކޮށް ކްލިނިކުން ހުއްޓުމެއްނެތި ހިދުމަތް ދެމުން ދިޔަ އެވެ.

ހެލްތު މިނިސްޓްރީން މި މަހުގެ 12 ވަނަ ދުވަހު ނެރުނު އިއުލާނެއްގައި ވަނީ ފަޒީސް ކްލިނިކް ރަޖިސްޓްރީކުރުމަށް އަންގާ، ލައިސަންސް ލިބުމުގެ ކުރިން މަސައްކަތް ނުކުރުމަށް ތަނުގެ ވެރިފަރާތަށް އަންގާފަ އެވެ. އަދި އެ އެންގުމާ ހިލާފަށް މަސައްކަތް ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އޮތީ ދީފަ އެވެ. އަދި ފަޒީލާގެ ކްލިނިކް އިޝްތިހާރު ކުރުމަށް ސޯޝަލް މީޑިއާގައި ހުރި ޕޯސްޓުތަކާއި ބަލި މީހުންގެ ސިއްހީ ރިޕޯޓުތައްވެސް ނެގުމަށްވެސް މިނިސްޓްރީން އޮތީ އަންގާފަ އެވެ.

ސޯޝަލް މީޑިއާގައި 43،000 އަށް ވުރެ ގިނަ މީހުން ފަޒީލާގެ ކްލިނިކްގެ ފޭސްބުކް ޕޭޖު ފޮލޯކުރާއިރު، އޭނާ ވަނީ ބޭހުގެ ބަދަލުގައި ހިޖާމާ ބޭނުންކުރުމަށް ބާރުއަޅައި، އެކަމާ ގުޅޭ އެކި ޕޯސްޓުތައް އާންމުކޮށްފަ އެވެ.

ފަޒީލާގެ ކްލިނިކަކީ ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ މަޝްހޫރު ކްލިނިކެކެވެ. އޭނާގެ ކްލިނިކަށް ދުވާލަކު 30 ވަރަކަށް މީހުން އަންނަ ކަމަށް އޭނާ މައުލޫމާތުދެ އެވެ.