މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން އޮޕަރޭޝަން ހިންގާފައިވަނީ ނ. މާޅެންދޫ އަދި އައްޑޫ ސިޓީގަ އެވެ. މާޅެންދޫ އޮޕަރޭޝަންގައި 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރި އެވެ. އޭނާގެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 22 ކަރުދާސްކޮޅާއި ހަތަރު ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި މާޅެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދައް ވަނީ 15 ދުވަސް ޖަހާފަ އެވެ.

އައްޑޫ ސިޓީ ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން ހިންގި އޮޕަރޭޝަނެއްގައި 55 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އޭނާ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނުނު ކަމަށެވެ.

އަދި މި މަހު އައްޑޫ ސިޓީގައި ޕެޓްރޯލް ކުރުމުގެ ތެރެއިން، ދެ މީހެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައިގައި 54 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި ކަމަށެވެ.

އެ ތިން މީހުންގެ ބައްދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ މީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށްވަނީ އަމުރުކޮށްފައެވެ.