މޯލްޑިވްސް ޕޮލިސް ސާވިސް

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހަތަރު ދިވެހިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އައްޑޫސިޓީ ހުޅުމީދޫ އިން ހަތަރު ދިވެހިން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރު ކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކަށް ހިންގި އޮޕަރޭޝަނެއްގައި އެމީހުން ދިރިއުޅޭ ގެއިން ކަމަށެވެ. އެ ގެ ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަަށް ޝައްކު ކުރެވޭ 104 ޕެކެޓް ފެނުނެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، 20 އަހަރުގެ އަންހެނަކާއި، 27 އަހަރުގެ ފިރިހެނެއްގެ އިތުރުން 29 އަހަރުގެ ފިރިހެނެކާއި، 43 އަހަރުގެ ފިރިހެނެކެވެ. މި ހަތަރު މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ 20 އަހަރުގެ އަންހެން މީހައަށާއި 29 އަދި 43 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހައި ދީފަ އެވެ.

މީގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވާ 27 އަހަރުގެ މީހާ ބަންދުގެ މުއްދަދތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން، ކޯޓުގެ ހުރުމަތް ކަޑާލި މައްސަލައިގައި ވަނީ 15 ދުވަހު ޖަލުގައި ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.