ވެންޓިލޭޓަރު ހިޔާނާތް

ވެންޓިލޭޓަރު މައްސަލަ: އިތުރު ދައުވާތަކާއި އެކު ޕީޖީއަށް

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ތުހުމަތުކުރެވޭ 11 މީހަކަށް އިތުރު ދައުވާތަކެއް ކުރަން ހިމަނާ އޭސީސީން އެ މައްސަލަ އަނެއްކާވެސް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ބުނީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ މައްސަލާގައި 11 ފަރާތެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމުން އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށްފަހު އިއްޔެގެ ވަގުތެއްގައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 11 ފަރާތަކަށް އިތުރު ދައުވާތަކެއް ކޮށްދިނުމަށް އޭސީސީން އަލުން އެދިފައިވެ އެވެ. އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށް އެދިފައިވެ އެވެ.

ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާ ގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ ކަންތައްތައް އޭސީސީން އަލުން ބަލާފައިވެސްވެ އެވެ.

ވެންޓިލޭޓަރު މައްސަލާގައި ދައުވާކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ އޮކްޓޫބަރު 14 ވަނަ ދުވަހު ޕީޖީ އޮފީހަށް ފޮނުވި މައްސަލާގައި ހިމެނޭ 11 ފަރާތަށް ދައުވާ ކުރުމަށް ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުންތަކަށް ބަދަލު ގެނެސްފައި ނުވާނެ ކަމަށްވެސް އޭސީސީން ބުނެ އެވެ.

އެ ކޮމިޝަނުން ބުނީ ވެންޓިލޭޓަރު މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް މައްސަލާގައި ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ އެއިން ފަރާތަކާ ގުޅުން އޮތް ފަރާތަކަށް ލިބިފައިވޭތޯ ބެލި ކަމަށެވެ. އެކަމަކ މިހާތަނަށް އޭގެތެރެއިން ފަރާތަކަށް އެފަދަ ފައިސާއެއް ލިބިފައިވާ ކަން ފާހަގަކުރެވިފައިވާ ނުވާ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާއެކު އެއްބަސްވުމެއް ހަދައި އެޑްވާންސްކޮށް ފައިސާ ދެއްކި ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލައި 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފަ އެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު އެވެ. އެކަމަކު މިހާތަނަށް ވެސް އެ ކުންފުނިން ބަދަލު ދީފައެއް ނުވެ އެވެ.

ވެންޓިލޭޓަރު ތަކުގެ ބަދަލަށްވާ ފައިސާ ނުލިބުމުން ދެން އެ މައްސަލަ ހުށަހަޅާނީ އާބިޓްރޭޝަނަށެވެ. އެގޮތަށް އަމަލުކުރުމަށް ރާއްޖޭގެ ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވަނީ ލަފާ ވެސް ދެއްވާފަ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ޒިންމާވާން ޖެހޭ ފަރާތްތަކުގެ މައްސަލައިގައި ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް މީގެކުރިން ދެ ފަހަރަށް ފޮނުވުމުން ވެސް މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ ޕީޖީ ހުސައިން ޝަމީމް ވަނީ އެ މައްސަލާގައި ދައުވާ ކުރަން ދެކޮޅު ހައްދަވާފަ އެވެ. އެކަމަކު އޭރު ކުރިމަތިވި ފާޑު ކިޔުންތަކާ ގުޅިގެން ޕީޖީ ވަނީ ފުލުހުންނާއި އޭސީސީއާ ގުޅިގެން އެ މައްސަލަ އިތުރަށް ދިރާސާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލައާއި ގުޅުންހުރި ބައެއް އިތުރު މައުލޫމާތު ލިބިފައިވާ ކަމަށް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޕީޖީ ވިދާޅުވެފައިވެ އެވެ.