ވެންޓިލޭޓަރު ހިޔާނާތް

ވެންޓިލޭޓަރުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ކޯޓު އަމުރެއް ނުދިން

ވެންޓިލޭޓަރު ހިޔާނާތުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ކޯޓު އަމުރެއް ހޯދަން އެދުމުން އެ އަމުރު ނެރެދީފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ދުބާއީ ކުންފުންޏެއް ކަމަށްވާ އެކްޒިކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ވެންޓިލޭޓަރު ގެނައުމުގައި ހިޔާނާތްތެރިވީ މައްސަލަ އޭސީސީން ތަހުގީގު ކުރަމުންދާތީ އެ ކޮމިޝަންގެ މެންބަރުން މިއަދު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

ވެންޓިލޭޓަރުގެ ހިޔާނާތުގައި ޝާމިލްވާ މީހުންގެ ފޯން ރެކޯޑިންތައް ހޯދުމަށް އޭސީސީން ކްރިމިނަލް ކޯޓުގައި އެދުނުކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ސާފުކޮށް ދޭން ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެދިވަޑައިގެންނެވި އެވެ.

އަލީ ހުސައިންގެ ސުވާލަށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ސިދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ފުރަތަމަ އެދިވަޑައިގެންނެވީ ކޮމިޓީ ސިއްރުކުރެއްވުމަށެވެ. ނަމަވެސް އަލީ ހުސައިން ވަނީ އެކަމާ ދެކޮޅު ހައްދަވާ ސުވާލަށް ޖަވާބު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"ގާނޫނު އަސާސީ ބުނާގޮތުން ސިއްރުކުރަން ޖެހެނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންތައްތަކުގައި. ކުޑަކުދިންނާ އަދި ބަދު އަޚުލާގީ މައްސަލަތަކުގައި. ރޭޕް އަދި މީހުންގެ ޒާތީ ކަންތައްތަަކާ ގުޅޭ މައްސަލަތަކުގައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ގައުމީ ސަލާމަތާ ބެހޭ މައްސަލައެއް ނޫން." އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން ދޫނުދެއްވުމުން ޝިއުނާ ވަނީ އެކަން ހިނގާދިޔަ ގޮތް ކޮމިޓީއަށް އޮޅުންފިލުއްވާ ދެއްވާފަ އެވެ. ވިދާޅުވީ ކޯލް ރެކޯޑިންތައް ހޯދަން ކްރިމިނަލް ކޯޓުގައި އަމުރަކަށް އެދުމުން އެފަދަ އަމުރެއް ނެރެ ނުދިން ކަމަށެވެ.

ވެންޓިލޭޓަރުގެ މައްސަލަ އޭސީސީން ތަހުގީގު ކުުރުމަށްފަހު އެކަމުގައި ޝާމިލްވާ 11 ފަރާތަކަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެެނެރަލް އޮފީހަށް ދެ ފަހަރު ފޮނުވުމުންވެސް ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމައިފަ އެވެ. ޕީޖީން ބުނީ މައްސަލަ ރައްދުވާ މީހުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަން އެނގެން ނެތް ކަމަށެވެ. އެކަމަކު ޕީޖީ އަށް އަމާޒުވި ފާޑުކިޔުންތަކާ އެކު މިހާރު ވަނީ އެ މައްސަލަ އަލުން ދިރާސާކުރަން ފަށާފަ އެވެ.

ޝިއުނާ މިއަދު ވިދާޅުވީ ޕީޖީ އޮފީހުން ވެންޓިލޭޓަރު މައްސަލަ ދިރާސާކުރާއިރު އިތުުރު މައުލޫމާތު ހިމަނާ މައްސަލަ އާއި ގުޅޭ ލިޔުންތައް އަލުން ފޮނުވުމަށް އެދޭ ކަމަށެވެ. ނަމަވެސް އިތުރަށް ފުރިހަަމަކުރަންވީ ކޮން ކަމެއްކަން ޕީޖީން އަންގާފައި ނުވާ ކަންވެސް ޝިއުނާ ވަނީ ފާހަގަކުރައްވާފަ އެވެ.

ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅިގެން އެކަމުގައި ޝާމިލްވާ ހެލްތު މިނިސްޓްރީގެ ބޭފުޅުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވޭތޯ އޭސީސީން ބެލި އެވެ. އެކަމަކު އެކަމާ ގުޅޭ އެއްވެސް ހެއްކެއް ތަހުގީގަށް ފެނިފައެއް ނުވެ އެވެ. މިމައްސަލައިގައި ތުހުމަތުކުރެވޭ ބޭފުޅުންގެ އާއިލާގެ މީހުންގެ އެކައުންޓަށް ފައިސާ ޖަމާވިތޯ ބަލާފައި ނުވާނެ ކަމަށްވެސް އޭސީސީގެ އިންވެސްޓިގޭޓިވް އޮފިސާ މާޖިދު އިބްރާހިމް ކޮމިޓީގައި ވަނީ ވިދާޅުވެފަ އެވެ.

ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ. މީގެތެރެއިން ބޮޑު އަދަދެއް ދުބާއީ ކުންފުންޏަށް ޖަމާކޮށްދީފައިވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިންނެވެ.