އޭސީސީ

ދެމަސް ވީއިރުވެސް ވެންޓިލޭޓަރު ހިޔާނާތް ދިރާސާކުރުމުގައި

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމުގައި ހިޔާނާތްތެރިވީ މައްސަލަ އަދިވެސް ނުނިމޭ ކަމަށް އެ މައްސަލަ ބަލަމުންދާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ވެންޓިލޭޓަރުގެ މައްސަލަ، އޭސީސީން ނިންމައި 12 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ދެ ފަހަރު ފޮނުވުމުން ވެސް ހެކި ނެތް ކަމަށް ބުނެ ޕީޖީން ނިންމާފައި ވަނީ ދައުވާ ނުކުރާށެވެ. ނަަމަވެސް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދޫ ނުދެއްވުމުން އެ މައްސަލަ ރިވިއު ކުރުމަށް ފަހު އަލުން ދައުވާ ކުރަން ފޮނުވަން ޕީޖީން އޭސީސީގައި އެދުނެވެ.

އޭސީސީން އެ މައްސަލަ އަލުން ބަލަން ފެށިތާ މިހާރު ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޕީޖީން އެންގި ގޮތަށް ތަހުގީގު އިތުރަށް ފުރިހަމަކޮށް މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް އަލުން ބަލާތާ ދެމަސްވެފައިވާ އެ މައްސަލައިގެ އިތުރު ތަފްސީލެއް ނުދެ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ތަހުގީގު ނިންމާ އެ މައްސަލައިގައި ޒިންމާވާން ޖެހޭ ފަރާތްތަކަށް ދައުވާ ކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހުގައި އެންމެ ފުރަތަމަ އެދުނީ އޮކްޓޫބަރު 14، 2020 ގައެވެ. ނަމަވެސް ޕީޖީން އެފަހަރު ނިންމީ ދައުވާ ނުކުރާށެވެ.

އެސީސީން އެ މައްސަލަ އަލުން ބެލުމަށް ފަހު ދައުވާކުރަން ދެވަނަ ފަހަރަށް ވެސް ފޮނުވި އެވެ. އެ ފަހަރު ވެސް ދައުވާ ނުކުރަން ނިންމާ މައްސަލަ އަލުން ރިވިއު ކުރުމަށް ފަހު ޕީޖީއަށް ފޮނުވަން އޭސީސީ އަށް އެންގީ މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެވެ.

މައްސަލަ އަލުން ރިވިއު ކުރާއިރު މި މައްސަލައިގައި ފުލުހުން ހޯދާފައިވާ ހެކިތައް ހޯދުމަށް ފަހު މައްސަލައިގައި ތަހުގީގު ކުރަންޖެހޭ އިތުރު ކަމެއްވާނަމަ އެކަމެއް ތަހުގީގުކުރަން ވެސް ޕީޖީން އޮތީ އޭސީސީއަށް އިރުޝާދެއް ދީފަ އެވެ.

މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާތަކެއް ހޯދައިދިނުމުގެ ކުށުގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނޭ 12 މީހަކަށް ދައުވާ ކުރަން އޭސީސީން ފޮނުވި އެވެ. އޭގެ ތެރޭގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ހެލްތު މިނިސްޓްރީގެ ކުރީގެ ނާއިބު ޝިޔާމާ މުހައްމަދާއި ނިޝާމާ މުހައްމަދު ވެސް ހިމެނެ އެވެ.

އެ މައްސަލައިގައި އަމީން އިސްތިއުފާ ދެއްވިއިރު ޝިޔާމާ އާއި ނިޝާމާ ފަހުން ވަނީ މަގާމުން ވަކި ކޮށްފަ އެވެ.

ވެންޓިލޭޓަރު ފޯރުކޮށްދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރު ކޮށްދިނުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތަށް 75 ވެންޓިލޭޓަރު ފޯރު ކޮށް ދޭން އޮތް ނަމަވެސް މިހާތަނަށް ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ.

އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްދީފައި ނުވާތީ އެ އެގްރިމަންޓްވެސް މިހާރު ވަނީ ބާތިލްކޮށްފަ އެވެ.