ވެންޓިލޭޓަރު ހިޔާނާތް

ވެންޓިލޭޓަރު ހިޔާނާތް: ތިން ބޭފުޅަކަށް ދައުވާކޮށްދޭން އެދިއްޖެ

Dec 20, 2022
1

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަނެ ސަޕްލައި ކުރުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ ހަވާލުކުރި ފައިސާ އަށް ފަހު ވެންޓިލޭޓަރު ލިބިފައި ނުވާތީ ތިން ބޭފުޅަކަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހުގައި އެދިއްޖެ އެވެ.

އޭސީސީ އިން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި މައްސަލައިގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުންނެވި ތ. ކިނބިދޫ ބޯގަންވިލާ، އަހްމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމް އެވެ.

މި ތިން ބޭފުޅުންގެ މައްޗަށްވެސް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރުމަށް އެދިފައިވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން މިމައްސަލައިގައި ދައުލަތަށް ގެއްލުނު 31.5 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށްވެސް އެދިފައިވެ އެވެ.

ވެންޓިލޭޓަރު ގަތުމަށް ހިޔާނާތުގެ އަމަލު ހިންގުމުގައި 11 ބޭފުޅަކު ޝާމިލްވާ ކަމަށް އޭސީސީން ކުރިން ތުހުމަތުކޮށްފައިވެ އެވެ. އޭސީސީ އިން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިއަދު ފޮނުވި މައްސަލައިގައި ހިމެނޭ ތިން ބޭފުޅުންނަކީ ވެސް 11 ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅުންނެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މެއި 3، 2021 ގައެވެ.

އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެގްޒެކިއުޓާސް އިން މުދާ ފޯރު ކޮށްދީފައެއް ނުވެ އެވެ. އެގްޒެކިއުޓާސްއާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރުމުން ލިބުނީ 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައި ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓްގައި ބުނެފައިވެ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ބަންޑާރަނައިބް އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރު މުދާ ފޯރުކޮށް ނުދީފިނަމަ އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާތީ އެގްޒެކިއުޓާސް ކުންފުންޏަށް "ޓާމިނޭޝަން ނޯޓިސް" ފޮނުވީ ކަމަށެވެ.

އެއްބަސްވުން ބާތިލް ކުރާ ދުވަހާ ހަމައަށް މުދާ ފޯރުކޮށްދީފައި ނުވާނަމަ އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެ ކަމަށްވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

ވެންޓިލޭޓަރު އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމާ ގުޅޭ މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގަން އެއްބަސްވުމުގައިވާ ތަނަކީ ދިވެހިރާއްޖެ އެވެ. އަދި އެމަރުހަލާގައި އަމަލުކުރަން ވެސް ޖެހެނީ ރާއްޖޭގެ ގާނޫނަށެވެ. އެހެންކަމުން އެ މައްސަލައިގެ އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގަ އެވެ. އެކަމަކު މިހާތަނަށްވެސް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައެއް ނުވެ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ބޭފުޅުންނަށް ދައުވާ ކުރަން އޭސީސީ އިން ޕީޖީ އޮފީހަށް ތަކުރާރުކޮށް ފޮނުވުމުންވެސް ޕީޖީ އޮފީހުން ކޮންމެ ފަހަރަކުވެސް އެ މައްސަލަތައް އޭސީސީއަށް ފޮނުވާލާފައިވަނީ މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ. ޕީޖީ އޮފީހުން ތަކުރާރުކޮށް މައްސަލަ އަނބުރާ ފޮނުވާލުމާ ގުޅިގެން އޭސީސީ އިން ވަނީ މިދިޔަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ބައެއް ބޭފުޅުންގެ މައްސަލަތައް ފައިލްކޮށްފަ އެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް ކަމަށްވާތީ ރާއްޖެއާއި ބޭރު ގައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ ބައިނަލްއަގްވާމީ އާބިޓްރޭޝަން މައްސަލަ އެކެވެ.