ކޮވިޑް-19އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލައިގައި އިހްމާލުވީ ފަރާތްތަކާ ގުޅޭ މައްސަލަތައް އިސްލާހުކުރުމަށްފަހު ދައުވާކުރަން ފޮނުވުމުން ދައުވާ ކުރާނެ ކަމުގައި ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ޕީޖީ ޝަމީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް މިއަދު ހާޒިރުކުރުމުން މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.
ޝަމީމް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭސީސީއާ ގުޅިގެން ފުރިހަމަކުރަންޖެހޭ ތަހުގީގު މަރުހަލާ ފުރިހަމަކޮށް ދައުވާކުރުމަށް އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މައްސަލައިގައ ދައުވާ ނުކުރެވިގެން އުޅެނީ ފުރިހަމަކުރަންޖެހޭ ފަންނީ ކަންތައްތަކެއް ހުރުމުން ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް ފުރިހަމަ ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ކޮމިޓީގައި އެއްވެސް ވާހަކައެއް ޕީޖީ ނުދައްކަވަ އެވެ.
"މިބަލަނީ މިވަގުތަށް ލިބިފައި ހުރި މައުލޫމާތުތަކުން އެކަމުގައި ބައިވެރިވި ބައެއްގެ މައްޗަށް ދައުވާކުރެވޭނެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.
ވެންޓިލޭޓަރު ގަތުމުގައި އިހްމާލުވި އަދި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އަމަލުކުރި 11 މީހަކަށް ދައުވާކުރުމަށް އޭސީސީން ތިން ފަހަރަށް ޕީޖީ އޮފީހަށް މައްސަލަ ފޮނުވި އެވެ. ނަމަވެސް ތަހުގީގު ފުރިހަމަ ނުވާ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ ކޮންމެ ފަހަރަކު މައްސަލަ އަނބުރާ ފޮނުވާލާފަ އެވެ. ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ކުރަން ފޮނުވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގެ ދައުވާކުރުމަށެވެ.
އޭސީސީގެ މީޑިއާ އޮފިޝަލް މިދިޔަ މަހުގެ 20 ވަނަ ދުވަހު ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ އޭސީސީއަށް ތަހުގީގު ކުރެވޭނެ އެންމެ ފުރިހަމައަށް އެ ތަހުގީގު ކުރުމަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ އެކު މައްސަލައިގައި ހިމެނޭ އެހެން މީހުންގެ މައްޗަށްވެސް ދައުވާކުރުމަށް ތިން ފަހަރަށް ޕީޖީ އޮފީހަށް ފޮނުވުނު ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލާފައިވާތީ އަމީން އާއި އަދި އިތުރު އަށް މީހެއްގެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ތިން މީހެއްގެ މައްސަލައިގައި މަޝްވަރާކޮށްގެން ދައުވާ ކުރުމާ މެދު ގޮތްތަކެއް ހޯދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ މައްސަލަތަކުގައި ދައުވާ ކުރުމުގެ ބާރު މިއޮންނަނީ ޕްރޮސެކިއުޓާ ޖެނަރަލްއަށް. އޭސީސީއަށް މިއޮންނަނީ ތަހުގީގުކުރުމަށްފަހު ދައުވާކުރަން ފޮނުވަން. އެ އުސޫލުން އޭސީސީން ތިން ފަހަރަށް ދައުވާ ކުރަން ފޮނުވި. އެންމެ ފަހުން ފޮނުވީ ކުރީގެ ކޮމިޝަންގައި. އޭރު ފޮނުވި މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ ނިންމެވުމާ ގުޅިގެން މިކޮމިޝަނުން މިހާރު މިނިންމީ މައްސަލަ ފައިލްކުރަން،" އޮފިޝަލް ވިދާޅުވި އެވެ.
ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މެއި 3، 2021 ގައެވެ.
އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެގްޒެކިއުޓާސް އިން މުދާ ފޯރު ކޮށްދީފައެއް ނުވެ އެވެ. އެގްޒެކިއުޓާސްއާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރުމުން ލިބުނީ 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައި ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓްގައި ބުނެފައިވެ އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ބަންޑާރަނައިބް އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރު މުދާ ފޯރުކޮށް ނުދީފިނަމަ އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާތީ އެގްޒެކިއުޓާސް ކުންފުންޏަށް "ޓާމިނޭޝަން ނޯޓިސް" ފޮނުވީ ކަމަށެވެ.
އެއްބަސްވުން ބާތިލް ކުރާ ދުވަހާ ހަމައަށް މުދާ ފޯރުކޮށްދީފައިނުވާނަމަ އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެ ކަމަށްވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.
ވެންޓިލޭޓަރު އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމާ ގުޅޭ މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގަން އެއްބަސްވުމުގައިވާ ތަނަކީ ދިވެހިރާއްޖެ އެވެ. އަދި އެމަރުހަލާގައި އަމަލުކުރަން ވެސް ޖެހެނީ ރާއްޖޭގެ ގާނޫނަށެވެ. އެހެންކަމުން އެ މައްސަލައިގެ އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގަ އެވެ. އެކަމަކު މިހާތަނަށްވެސް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައެއް ނުވެ އެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް ކަމަށްވާތީ ރާއްޖެއާއި ބޭރު ގައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ ބައިނަލްއަގްވާމީ އާބިޓްރޭޝަން މައްސަލަ އެކެވެ.