ވެންޓިލޭޓަރުތަކުގެ މައްސަލާގައި ތުހުމަތުކުރެވޭ މީހުންނަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނެއްކާ އަނބުރާ އޭސީސީއަށް ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ވެންޓިލޭޓަރުތަކުގެ މައްސަލަ އިސްލާހުކުރުމަށްފަހު އަލުން ހުށަހެޅުމުން އޭސީސީއަށް އެ މައްސަލަ އަނެއްކާވެސް އަނބުރާ ފޮނުވާލައިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިންގި މައްސަލާގައި ޒިންމާވާން ޖެހޭ މީހުންނަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް މީގެކުރިން ދެ ފަހަރަށް ފޮނުވުމުން ވެސް މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ވިދާޅުވެ ޕީޖީ ހުސައިން ޝަމީމް ވަނީ އެ މައްސަލާގައި ދައުވާ ކުރަން ދެކޮޅު ހައްދަވާފަ އެވެ.
ދެވަނަ ފަހަރަށް ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅިއިރު، މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 11 މީހަކަށް އިތުރު ދައުވާތަކެއް ކޮށްދިނުމަށް އޭސީސީން އެދިފައިވެ އެވެ. އެގޮތުން ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާކުރުމަށް އެދިފައިވެ އެވެ.
ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތާ ގުޅޭ އެއްބަސްވުން އެކުލަވާލުމާއި ވެންޓިލޭޓަރުތައް ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައިވާ ކަންތައްތައް އޭސީސީން އަލުން ބަލާފައިވެސްވެ އެވެ.
ކޮވިޑް-19އާ ގުޅިގެން 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާއެކު އެއްބަސްވުމެއް ހަދައި އެޑްވާންސްކޮށް ފައިސާ ދެއްކި ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލައި 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފަ އެވެ.
ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު އެވެ. އެކަމަކު މިހާތަނަށް ވެސް އެ ކުންފުނިން ބަދަލު ދީފައެއް ނުވެ އެވެ.
ވެންޓިލޭޓަރުތަކުގެ ބަދަލަށްވާ ފައިސާ ނުލިބުމުން ދެން އެ މައްސަލަ ހުށަހަޅާނީ އާބިޓްރޭޝަނަށެވެ. އެގޮތުން ވެންޓިލޭޓަރުތަކުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިގެން ބަދަލު ހޯދައިދިނުމަށް ހެލްތް މިނިސްޓްރީން އޮތީ މީގެކުރިން ބަންޑާރަނައިބް އޮފީހުގައި ވެސް އެދިފަ އެވެ. އޭޖީ އޮފީހުގައި އެދިފައިވެ އެވެ. ހެލްތު މިނިސްޓްރީގެ ހުށަހެޅުމާ އެއްގޮތަށް މައްސަލަ އާބިޓްރޭޝަންއަށް ހުށަހެޅުމުގެ މަސައްކަތް ކުރާ ކަމަށް ބަންޑާރަނައިބް އޮފީހުންވެސް ކުރިން ބުނެފައިވެ އެވެ.