އޭސީސީ

އަމީނަށް ދައުވާ ނުކުރުމުން މައްސަލަ ފައިލްކޮށްފި

ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލަ ތަހުގީގު ކުރުމަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފައިލްކޮށްފި އެވެ.

އޭސީސީން މިދިޔަ ބުރާސްފަތި ދުވަހު އެގޮތަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލަ އޭސީސީއަށް ތަހުގީގު ކުރެވޭނެ އެންމެ ފުރިހަމައަށް އެ ތަހުގީގު ކުރުމަށްފަހު އަމީންއާ އެކު މައްސަލައިގައި ހިމެނޭ އެހެން މީހުންގެ މައްޗަށްވެސް ދައުވާކުރުމަށް ތިން ފަހަރަށް ޕީޖީ އޮފީހަށް ފޮނުވުނު ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލާފައިވާތީ އަމީން އާއި އަދި އިތުރު އަށް މީހެއްގެ މައްސަލަ މިހާރު ފައިލްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ތިން މީހެއްގެ މައްސަލައިގައި މަޝްވަރާކޮށްގެން ދައުވާ ކުރުމާ މެދު ގޮތްތަކެއް ހޯދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ މައްސަލަތަކުގައި ދައުވާ ކުރުމުގެ ބާރު މިއޮންނަނީ ޕްރޮސެކިއުޓާ ޖެނަރަލްއަށް. އޭސީސީއަށް މިއޮންނަނީ ތަހުގީގުކުރުމަށްފަހު ދައުވާކުރަން ފޮނުވަން. އެ އުސޫލުން އޭސީސީން ތިން ފަހަރަށް ދައުވާ ކުރަން ފޮނުވި. އެންމެ ފަހުން ފޮނުވީ ކުރީގެ ކޮމިޝަންގައި. އޭރު ފޮނުވި މައްސަލައިގައި ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ ނިންމެވުމާ ގުޅިގެން މިކޮމިޝަނުން މިހާރު މިނިންމީ މައްސަލަ ފައިލްކުރަން،" އޮފިޝަލް ވިދާޅުވި އެވެ.

ވެންޓިލޭޓަރު ގަތުމުގައި ހިޔާނާތުގެ އަމަލު ހިންގުމުގައި 11 ބޭފުޅަކު ޝާމިލްވާ ކަމަށް އޭސީސީން ކުރިން ތުހުމަތުކޮށްފައިވެ އެވެ. އެ ކޮމިޝަނުން މިއަދު ބުނީ ވެންޓިލޭޓަރު މައްސަލައިގައި ތުހުމަތުކުރެވޭ ހުރިހާ ބޭފުޅުންގެ މައްސަލަ އަދި ފައިލް ނުކުރާ ކަމަށެވެ.

ވެންޓިލޭޓަރު ގަތުމަށް އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވުމުގައި ސޮއި ކުރީ އޭޕްރީލް 2، 2020 ގައެވެ. އެއްބަސްވުމާ އެއްގޮތަށް ތަކެތި ލިބިފައި ނުވާތީ އެއްބަސްވުން ބާތިލްކޮށް ދިވެހި ސަރުކާރުން އެގްޒެކިއުޓާސް ކުންފުންޏަށް ނޯޓިސް ފޮނުވީ މެއި 3، 2021 ގައެވެ.

އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދިނުމަށެވެ. ނަމަވެސް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން އެގްޒެކިއުޓާސް އިން މުދާ ފޯރު ކޮށްދީފައެއް ނުވެ އެވެ. އެގްޒެކިއުޓާސްއާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރުމުން ލިބުނީ 10 ވެންޓިލޭޓަރެވެ. އެކަމަކު ތަކެތި ގަންނަން ހަރަދު ކުރަން ނިންމާފައިވާ 34 މިލިއަން ރުފިޔާގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއާ ނުލާ 30 މިލިއަން ރުފިޔާ ވަނީ އެގްޒެކިއުޓާސްއަށް ދޫކޮށްފައި ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓްގައި ބުނެފައިވެ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ބަންޑާރަނައިބް އޮފީހުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއްބަސްވުމުގައިވާ މުއްދަތުގެ ތެރޭގައި ސަޕްލަޔަރު މުދާ ފޯރުކޮށް ނުދީފިނަމަ އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާތީ އެގްޒެކިއުޓާސް ކުންފުންޏަށް "ޓާމިނޭޝަން ނޯޓިސް" ފޮނުވީ ކަމަށެވެ.

އެއްބަސްވުން ބާތިލް ކުރާ ދުވަހާ ހަމައަށް މުދާ ފޯރުކޮށްދީފައިނުވާނަމަ އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދުކޮށްދޭންވާނެ ކަމަށްވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

ވެންޓިލޭޓަރު އެއްބަސްވުމުގައިވާ ގޮތުން އެއްބަސްވުމާ ގުޅޭ މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގަން އެއްބަސްވުމުގައިވާ ތަނަކީ ދިވެހިރާއްޖެ އެވެ. އަދި އެމަރުހަލާގައި އަމަލުކުރަން ވެސް ޖެހެނީ ރާއްޖޭގެ ގާނޫނަށެވެ. އެހެންކަމުން އެ މައްސަލައިގެ އާބިޓްރޭޝަން ހިންގާނީ މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގަ އެވެ. އެކަމަކު މިހާތަނަށްވެސް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައެއް ނުވެ އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްސަލައިގައި ދައުވާ ކުރަން އޭސީސީ އިން ޕީޖީ އޮފީހަށް ފޮނުވި ތިން ފަހަރު ޕީޖީ އޮފީހުން އެ މައްސަލަ އޭސީސީއަށް ފޮނުވާލާފައިވަނީ މައްސަލަ ސާބިތު ކުރަން ބޭނުންވާ ވަރަށް ހެކި ނެތް ކަމަށް ކަނޑައެޅުމަށްފަހު އެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް ކަމަށްވާތީ ރާއްޖެއާއި ބޭރު ގައުމެއްގެ ކުންފުންޏަކާ ދެމެދު ހިންގޭ އާބިޓްރޭޝަންގެ މައްސަލައަކީ މިމައްސަލައަކީ ބައިނަލްއަގްވާމީ އާބިޓްރޭޝަން މައްސަލަ އެކެވެ.