އައިޖީއެމްއެޗް

އައިޖީއެމްއެޗް ޕޯޓަލްގެ ހިދުމަތް މެދުކަނޑާލައިފި

އައިޖީއެމްއެޗްގެ ހިދުމަތްތައް އޮންލައިންކޮށް ދިނުމަށް ތައާރަފުކުރި މޮބައިލް އެޕްލިކޭޝަނެއް ( ޕޭޝަންޓް ޕޯޓަލް) އިން ދެމުން ދިޔަ ހިދުމަތްތައް މެދުކަނޑާލައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ޕޭޝަންޓް ޕޯޓަލްގެ ހިދުމަތް މެދުކަނޑާލީ ދިމާވި ސެކިއުރިޓީ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އައިޖީއެމްއެޗުން ދަނީ ކުރަމުން ކަމަށާއި މައްސަލަ ހައްލުވީހާ އަވަހަކަށް ޕޭޝަންޓް ޕޯޓަލް މެދުވެރިކޮށް ހިދުމަތް ހޯއްދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ޕޭޝަންޓް ޕޯޓަލްގެ ހިދުމަތް މެދުކެނޑުމުން އެ އެޕްލިކޭޝަނުން ދުމަތް ހޯއްދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އައިޖިއެމްއެޗުން ވަނީ މާފަށް އެދިފަ އެވެ.

ޕޭޝަންޓް ޕޯޓަލް އެޕުން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމާ، ބޭސް ސިޓީ، ލެބް ރިޕޯޓް އަދި އެހެނިހެން ރިޕޯޓުތައް ބަލައި، ޑައުންލޯޑު ކުރެވުމުގެ އިތުރަށް ބިލުތައް އޮންލައިންކޮށް ދެއްކޭނެ ކަމަށެވެ. އަދި ރިޖިސްޓަރީވާ މީހުނަށް އާއިލާގެ މެންބަރުންގެ މައުލޫމާތު ވެސް ބެލޭނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޭޝަންޓް ޕޯޓަލްގެ ހިދުމަތް މެދުކަނޑާލީ ރައީސްގެ ދެކަނބަލުން ހިމެނޭހެން ސަރުކާރުގެ އިސް ބޭފުޅުންގެ މެޑިކަލް ހިސްޓަރީ އެ ޕޯޓަލުން ލީކްވުމާއި ގުޅިގެނެވެ.