ބަންގްލަދޭޝް

ބަންގްލަދޭޝްއާ އެކު ރާއްޖެއިން ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

ބަންގްލަދޭޝްއާއެކު ރާއްޖެއިން ހަަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ހާޒިރުގައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރުމަށްފަހު ރައީސް ސޯލިހާއި ޝައިހް ހަސީނާ ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފަ އެވެ. ބަޔާނުގައި ރައީސް ވިދާޅުވީ އެ އެއްބަސްވުންތަކުގެ ސަބަބުން އެކި ދާއިރާތަކުން ރާއްޖެ އަށް ރަނގަޅު ފައިދާތަކެއް ލިބޭނެ ކަމަށެވެ. ރައީސް ވަނީ ބަންގްލަދޭޝް އިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ވަކިން ހާއްސަކޮށް ކޮވިޑްގެ ދުވަސްވަރު ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް ޝައިހް ހަސީނާ އަށާއި ބަންގްލަދޭޝް ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތައް

  • ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއް
  • ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެމްއޯޔޫއެއް
  • އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން ނުވަތަ ޑަބަލް ޓެކްސޭޝަން އުވާލުމާ ގުޅޭ އެއްބަސްވުމެއް
  • ދިވެހި އަސްކަރީޔާއަށް 13 އުޅަނދު ހަދިޔާކުރުމުގެ އެއްބަސްވުމެއް

ދިވެހި ދައުލަތުގެ އިސްވެރިންނާ ޝައިހް ހަސީނާ މިއަދު ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލްއާ ބައްދަލު ކުރައްވާނެ އެވެ.

މިއަދު ހަވީރު ހަސީނާ ރައްޔިތުން މަޖިލީހުގައި ތަގުރީރު ވެސް ކުރައްވާނެ އެވެ. މަޖިލީހުގެ އެ ޖަލްސާ އަށް ކެބިނެޓް މެމްބަރުންނާއި މިނިސްޓަރު ފެންވަރުގެ ބޭފުޅުންނާއި ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި ދައުލަތުގެ އިއްޒަތްރެރިންގެ އިތުރުން ބައެއް މަދަރުސާތަކުގެ ދަރިވަރުންނަށް ދައުވަތު ދީފައިވެ އެވެ.