ބަންގްލަދޭޝް

ބަންގްލަދޭޝްއިން ރާއްޖެއަށް އަސްކަރީ 13 އުޅަނދު ހަދިޔާ ކުރަނީ

ބަންގަލްދޭޝްއިން ރާއްޖެއަށް އަަސްކަރީ އުޅަނދުތަކެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ބަންގްލަދޭޝްއިން މިކަން ހާމަކުރީ އެގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ މާދަމާ ރާއްޖެއަށް ފައްޓަވާ ދަތުރުފުޅާ ގުޅޭގޮތުން އެ ގައުުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޫމިން މިދިޔަ އާދީއްތަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ޑރ. އޭކޭ ވިދާޅުވީ ބަންގްލަދޭޝްއިން ދޭން ނިންމާފައިވަނީ އެއްގަމުގައި ދުއްވާ އަސްކަރީ 13 އުޅަނދު ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އެދިގެން ދޭ ވެހިކަލްތަކެއް ކަމަށާއި ޝައިހް ހަސީނާގެ ދަތުރުފުޅުގައި މި ވެހިކަލްތައް ރަމްޒީގޮތުން ހަވާލުކުރާނެ ކަަމަށެވެ.

ޝައިހް ހަސީނާގެ މި ދަތުރުފުޅުގައި ތައުލީމާއި ސިއްހަތާއި ކުޅިވަރާއި އަދި ޒުވާނުންނާ ގުޅޭ ދާއިރާތަކުން ވެސް އެއްބަސްވުންތަކުގައި ސޮއި ކުރާނެ އެވެ.

ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެކަމަނާ ރާއްޖޭގައި މަޑުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެކަމަނާގެ ދަތުރުފުޅުގައި ބުދަ އަދި ބުރާސްފަތި ދުވަހު ކުރައްވާނީ ރަސްމީ މަސައްކަތްތަކެކެވެ. ބާކީ ދުވަސްތަކުގައި ޗުއްޓީއެއް ހޭދަ ކުރައްވާނެ އެވެ. ހަސީނާ ޗުއްޓީ ހޭދަ ކުރެއްވުމަށް ހަމަޖެހިފައިވަނީ މާލެ ކައިރީގައިވާ އެނބޫދޫފިނޮޅު ހިއްކައިގެން އެ ތަނުގައި ހަދާފައިވާ ރިސޯޓެއްގަ އެވެ. އެ ރިސޯޓުގެ 17 ރޫމެއް ބުކް ކުރައްވާފައިވާ ކަމަށް އެނގިފައިވެ އެވެ.