ފޮރިން މިނިސްޓްރީ

ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އިލްތިމާސްކޮށްފި

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހިން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ބަންގްލަދޭޝްގައި މިހާރު ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

މިގޮތުން މިވަގުތު ބަންގަލަދޭޝްގެ ޗިޓަގޮންގްގައި ތިބި 83 ދަރިވަރުންނާއި، ޑާކާގައި ތިބި ހަތް ދަރިވަރުންނާއި ކޮމިލާގައި ހުރި ދަރިވަރަކަށް ހައިކޮމިޝަނުން ގަވައިދުން ގުޅައި ހާލު ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

"ބަންގްލަދޭޝްގައި މިވަގުތު ތިބި ކަމަށް ހައިކޮމިޝަނަށް މައުލޫމާތު ލިބިފައިވާ 119 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން ވަނީ މަޢުލޫމާތު ދެއްވާފަ،" ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ބަންގްލަދޭޝްގައި ބައެއް ވަގުތުތަކުގައި ކާފިއު އިއުލާން ކޮށްފައިވުމުން އެ ގައުމުގެ ސަރުކާރުން އިރުޝާދުދޭ ގޮތަށް ބޭރަށް ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ބަންގްލަދޭޝްގައި ސިވިލް ސާވިސް ވަޒީފާތަކަށް މުވައްޒަފުން ނެގުމުގައި އެ ގައުމުގެ ސަރުކާރުން އަމަލުކުރާ ސިޔާސަތާ ދެކޮޅަށް ދަރިވަރުން ދަނީ މުޒާހަރާކުރަމުންނެވެ.