ބަންގްލަދޭޝް

ބަންގްލަދޭޝްއަށް ދަތުރުކުރުމުގައި ސަމާލުވާން އަންގައިފި

ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު ސަމާލުވާންޖެހޭ ކަމަށެވެ.

މިގޮތުން ބަންގްލަދޭޝް ސަރުކާރުން ދޭ އިރުޝާދުތަކާ އެއްގޮތަށް މިދަނޑިވަޅުގައި ބޭރަށް ނުކުމެ ނޫޅުމަށާއި އެ ގައުމުގެ ސަރުކާރާއި އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންނާއި އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިކަމާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުއްވުން އެދެމެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ މުޒާހަރާތައް ފެށުނީ ސިވިލް ސާވިސް ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ ސިޔާސަތު ކަމުނުދާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. މި މުޒާހަރާތައް ހޫނުވެ މިހާރު ވަނީ 40 މީހުންނަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

ބަންގްލަދޭޝް ސަރުކާރުން މި މުޒާހަރާތައް ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާއިރު އިންޓަނެޓްގެ ހިދުމަތްވެސް ވަނީ ކަނޑާލާފަ އެވެ. އަދި ސްކޫލުތައް ވެސް ބަންދުކޮށްފަ އެވެ.