ފައިސަލް ނަސީމް

ދިވެއްސަކު ކޮންމެ ތަނަކު ހުއްޓަސް ތަފާތެއް ނުކުރާނެ: ނައިބް ރައީސް

ދިވެއްސަކު ކޮންމެ ގައުމެއްގައި ދިރިއުޅުނު ނަމަވެސް ހިދުމަތް ދިނުމުގައި ސަރުކާރުން އެއްވެސް ތަފާތެއް ނުގެންގުޅޭނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިންނާއި، ދިވެހި އާއިލާތަކާ މިއަދު ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. މިބައްދަލުކުރެއްވުން ކުރިއަށް ގެންދިޔައީ ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގަ އެވެ.

މިބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރަތަކަށް ސަރުކާރުން ގެނައި ބަދަލަކީ އެ ދާއިރާއިން ކިޔެވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.

ސިއްހީ ދާއިރާގެ މުސާރައަށް ގެނައި ބަދަލުގެ އިތުރުން އެ ދާއިރާގެ ތަރައްގީއަށް ކުރަންޖެހޭ އެހެނިހެން ކަންތައްތައްވެސް ސަރުކާރުން މިހާރު ކުރަމުންދާ ކަމުގައިވެސް ނައިބް ރައީސް ވިދާޅުވި އެވެ. ޓީޗަރުންނާއި ޑޮކްޓަރުންނަކީ ގައުމަށާއި މުޖުތަމައަށް މުހިންމު ހިދުމަތެއް ކޮށްދޭ ބައެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުކުރުމުގެ މުހިއްމު ކަމާ ގުޅޭގޮތުންވެސް ނައިބް ރައީސް ވަނީ ވާހަކަދައްކަވާފަ އެވެ.

ނައިބް ރައީސްގެ ވާހަކަފުޅުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ޑޮކްޓަރުކަން ކިޔެވުމަށާއި އަދި ހާއްސަކޮށް އެކި ދާއިރާތަކުން ސްޕެޝަލައިޒްވުމަށް ބަންގްލަދޭޝް ހިޔާރުކުރާކަން ފާހަގަކުރެއްވި އެވެ. އަދި ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރުގެ މެދުގައި އޮތް އެކުވެރި ގާތްގުޅުން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ދިވެހި ދަރިވަރުންނަށް ވިސާ ހޯދުމުގައި ދިމާވި ދަތިތަކަށްވެސް މިހާރު ހައްލު ހޯދައިދެވިފައިވާ ކަމަށެވެ.

"ދުނިޔޭގެ ކޮންމެ ގައުމެއްގައި ދިވެހިން ދިރިއުޅުނު ނަމަވެސް އެފަރާތްތަކަށް ދޭންޖެހޭ ހިދުމަތްތަކުގައި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ. ރާއްޖެއިން ބޭރުގައި ވަޒީފާ އަދާކުރާ ދިވެހިންނާއި، އަދި ކިޔަވާ ކުދިންގެ ކަންކަން އަބަދުވެސް ހާރިޖިއްޔާއިން ގާތުން ބައްލަވަމުން ގެންދަވާނެ،" ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ބަންގްލަދޭޝްއަށް ވަޑައިގެންނެވީ ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.