ޝައިހް ހަސީނާ

ޝައިހު ހަސީނާ ރާއްޖެ ވަޑައިގެންފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެ ވަޑައިގެންފި އެވެ.

ޝައިޚް ހަސީނާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ.

ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާދަމާ ރަސްމީކޮށް އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ޖުމްހޫރީ މައިދާނުގައި ހާއްސަ ރަސްމިއްޔާތެއް އޮންނާނެ އެވެ. އަދި މާދަމާ މަޖިލީހުގެ ތަޅުމުގައި އެކަމަނާ ތަގުރީރު ވެސް ކުރައްވާނެ އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ޝައިހް ހަސީނާ މިއަދު ރާއްޖެ ވަޑައިގެންނެވި ނަމަވެސް މިއަދު ރަސްމީ އެއްވެސް މަސައްކަތެއް ނުކުރައްވާނެ އެވެ.

އެކަމަނާގެ މި ދަތުރުފުޅުގައި އެއްގަމުގައި ދުއްވާ އަސްކަރީ 13 އުޅަނދު ރާއްޖޭއަށް ހަދިޔާކުރަން ނިންމަވާ ރަމްޒީ ލިޔުން ދިވެހި ސަރުކާރާ ހަވާލުކުރައްވާނެ އެވެ. އަދި ރާއްޖެއިން އެދިފައިވާ 200 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށްވެ އެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައި ބައެއް ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. މީގެތެރޭގައި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ބައެއް ކަހަލަ ޓެކްސްތަކަށް ލުއި ދިނުމުގެ އެއްބަސްވުމެއް ހިމެނެ އެވެ.

އެކަމަނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ އެކު އަޅަން ނިންމާފައިވާ ސަލާމަތީ ފިޔަވަޅުތަކާ ގުޅިގެން ހުޅުލޭގެ ފަޅުތެރެއާއި ހުޅުލެއާއި މާލޭގެ ބައެއް މަގުތަކާއި އަދި ބްރިޖް ވަކި ވަގުތަކަށް ބަންދުކުރަން ނިންމާފައިވެ އެވެ.

ހަސީނާގެ މިދަތުރުފުޅުގެ ރަސްމީ މަސައްކަތްތައް މާދަމާ ނިންމަވާލެއްވުމަށްފަހު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެކަމަނާ ރާއްޖޭގައި ޗުއްޓީ އަކަށް މަޑުކުރައްވާނެ އެވެ.

ހަސީނާ ޗުއްޓީ ހޭދަކުރެއްވުމަށް ހަމަޖެހިފައިވަނީ މާލެ ކައިރީގައިވާ އެނބޫދޫފިނޮޅު ހިއްކައިގެން އެ ތަނުގައި ހަދާފައިވާ ރިސޯޓެއްގަ އެވެ. އެ ރިސޯޓުގެ 17 ރޫމެއް ބުކް ކުރައްވާފައިވާ ކަމަށް އެނގިފައިވެ އެވެ.