ބަންގްލަދޭޝް

ހަސީނާ، ރާއްޖޭގައި އަގު ބޮޑު ޗުއްޓީއެއް ހޭދަ ކުރައްވާނެ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މި މަހުގެ 21 ވަނަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މި މަހުގެ 21 އިން 23 އަށް ކުރިއަށް ދާނީ ދަތުރުފުޅުގެ ރަސްމީ މަސައްކަތްތަކެވެ. އެކަމަނާގެ ދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ މައްސަލަ ހައްލު ކުރާށާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރާށެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑު ވަޒީރު ހަސީނާގެ ދަތުރުފުޅުގެ ރަސްމީ ބައި ނިންމަވާލެއްވުމަށް ފަހު ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެއްވުމާއި އާ އަހަރު ފާހަގަ ކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ހަސީނާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރެއްވުމަށް ހަމަޖެހިފައިވާ މާލެ ކައިރީގައިވާ އެނބޫދޫފިނޮޅު ހިއްކައިގެން އެ ތަނުގައި ހަދާފައިވާ ރިސޯޓެއްގަ އެވެ. ޗުއްޓީ ހެއްދެވުމަށް އެ ރިސޯޓުގެ 17 ރޫމެއް ބުކް ކުރައްވާފައިވާ ކަމަށް ވެއެވެ.

ހަސީނާ މި މަހު ރާއްޖެ ވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ހާމަކުރީ މިދިޔަ މަހު ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެން ރާއްޖެ ވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމާއެކު މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަންގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގެ ހުންނަވާ ބަންގްލާދޭޝް ހައި ކޮމިޝަނަރު މުހައްމަދު ނަޒްމުލް ހަސަން ވިދާޅުވީ މި މަހުގެ ތެރޭގައި ޝައިހް ހަސީނާ ރާއްޖެ ވަޑައިގެންފާނެ ކަމަށެވެ.

ދިވެހި ސަރުކާރުގެ ދައުވަތަކަށް ބޮޑު ވަޒީރު ހަސީނާ ރާއްޖެ ވަޑައިގަންނަވާތީ ބަންގްލަދޭޝްގެ މީޑިއާގެ ޓީމެއް ވެސް މިވަގުތު މާލޭގައި ހަރަކާތްތެރިވެ އެވެ. އެކަމަނާގެ ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް ސަރުކާރުގެ އިދާރާތަކާ ގުޅި ނަމަވެސް ޖަވާބެއް ނުދެއްވަ އެވެ.