މެޑިސިން އިންޓާންޝިޕް ހަދަމުންދާ ޑޮކްޓަރުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހުށަހަޅައިފި އެވެ.
އައިޖީއެމްއެޗްގައި މެޑިސިން އިންޓާންޝިޕް ހަދަމުންދާ 28 ޑޮކްޓަރަކު ސޮއިކޮށްފައިވާ ސިޓީ ރައީސް ސޯލިހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ.
ސިޓީގައިވާ ގޮތުން މާލީ މައްސަލަތަކެއް ކުރިމަތިވީ ކޮވިޑް 19އާއި ގުޅިގެން ކޯސް ދިގުލައިގެން ދިއުމުންނެވެ. މެޑިސިން ކޯސްތަކަކީ އަގު ބޮޑު ކޯސްތަކަކަށް ވެފައި ގިނަ ކުދިން ކިޔެވީ ލޯން ނަގައިގެން ކަމަށްވާތީ މާލީ މައްސަލަތަކާ ހެދި ލޯނުގެ ގޮތުގައިވެސް ބޮޑު ދަރަންޏެއް އޮތް ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
"ނަގާފައިވާ ލޯނުތަކަށް ގިނަ އަދަދެއްގެ ފައިސާ މިހާރުވެސް ދަނީ ކެނޑެމުންނެވެ،" ސިޓީގައިވެ އެވެ.
ކިޔެވުމަށްފަހު ރާއްޖޭގައި އިންޓާންޝިޕް ހެދުމަށް ނިންމީ ރާއްޖޭގެ އިންޓާންޝިޕް ޕްރޮގްރާމްގެ ފެންވަރު ޖުމްލަކޮށް ރަނގަޅުވެފައި މާލީ މައްސަލަތަކެއް ހުރިއިރު ރާއްޖެއިން ބޭރަށް ދިއުމަކީ އިތުރު ހަރަދުތައް ހިނގާނެ ކަމަކަށްވާތީ ކަމަށްވެސް ސިޓީގައިވެ އެވެ.
ގިނަ ގައުމުތަކުގައި އަދި ސަރަހައްދީ ގައުމުތަކުގައިވެސް އިންޓާންޝިޕްގެ މުއްދަތުގައި ޑޮކްޓަރުންނަށް މުސާރައެއް ނުވަތަ އެލަވަންސެއްދޭ ކަމަށް ފާހަގަކޮށް ބުނެފައިވަނީ ސިވިލް ސާވިސް ކޮމިޝަންގެ ޖެނެރަލް މެޑިކަލް ޑޮކްޓަރުންގެ ވަޒީފާގެ އޮނިގަނޑުގައި ސޮއި ކުރެވުނީ އިންޓާން ޑޮކްޓަރުން ހިމެނޭކަން ނޭނގި ކަމަށެވެ. އެހެންވެ އެ އޮނިގަނޑުގެ ދަށުން އިންޓާން ޑޮކްޓަރުންނަށް ދޭ މުސާރަ އެމީހުން މަސައްކަތް ކޮށްފައިވާ މުއްދަތައް އަދ ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރާނެ މުއްދަތަށް ވެސް ހަމަޖައްސައިދިނުމަށް އެދިފައިވެ އެވެ. އިގުރާރުގައިވާ ގޮތުން އިންޓާންޝިޕްގެ މުއްދަތުގައި މުސާރަ ނުލިބޭނެ އެވެ.
ސިޓީގައިވާ ގޮތުން އިންޓާން ޑޮކްޓަރުން ބައެއް ފަހަރު މުޅި ދުވަހު މަސައްކަތް ކުރާއިރު ޑިއުޓީ ގަޑީގައި ކެއިންބުއިން ފަދަ ޒަރޫރީ ކަންކަން ވެސް ހަމަޖައްސަނީ އަމިއްލަ ހަރަދުގަ އެވެ. އެކަމަކު މުސާރަ ނުލިބޭތީ އެފަދަ ހަރަދު ހަމަޖެއްސުމަށާއި އިތުރު ލޯނެއް ލިބޭނެ ގޮތެއް ވެސް ހަމަޖެހިފައި ނުވާ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެހެންވެ މައްސަލައަށް ހައްލެއް ހޯދައިދޭއިރު އަނެއްކާ ވެސް ލޯނު ނޫން ހައްލެއް ހޯދައިދިނުމަށްވެސް ރައީސް އަށް ދަންނަވާފައިވެ އެވެ.
އިންޓާން ޑޮކްޓަރުންގެ ސިޓީއަށް އަދި މިހާތަނަށް ރައީސް އޮފީހުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
އެމްބީބީއެސް ހަދާ ޑޮކްޓަރުންނަށް ލައިސަންސް ލިބެނީ އެއް އަހަރުގެ އިންޓާންޝިޕް ފުރިހަމަކޮށް ކަމާ ގުޅޭ އިދާރާތަކުން އެކަން ބަލައިގަތުމުންނެވެ.