އެސްޓީއޯ

ރޭޑިއޮލޮޖީ ކޯސްތަކެއް އިފްތިތާހު ކޮށްފި

އެސްޓީއޯ އާއި ޖެނެރަލް އިލެކްޓްރިކް ހެލްތްކެއާ ގުޅިގެން، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ތަކެއް އިފްތިތާހު ކޮށްފި އެވެ.

ސްކޭން ކުރުމާއި އެކްސްރޭ ނެގުމުގައި މަސައްކަތް ކުރާ ރޭޑިއޮގްރަފަރުން ތަމްރީން ކުރަން، ކުރިއަށް ގެންދާ ކޯސްތައް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ރޭޑިއޮލޮޖީގެ ދާއިރާ އިން ދިވެހިން އުފެއްދުމަކީ މިހާރު ވެސް ކުރުން މާ ލަސްވެފަ އޮތް މަސައްކަތެއް ކަމަށާ މިއީ ސިއްހީ ދާއިރާގައި ކުރުން ވަރަށް މުހިއްމު މަސައްކަތް ކަމަށެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ 20 މީހުންގެ ޖާގަ އާއި އެކު ފަށާ ކޯހުގެ ޖާގަ އިތުރުކޮށް އެ އަދަދު އިތުރާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށެވެ.

"ދިވެހިން ހިދުމަތައް ނިކުތުމަކީ ސިއްހީ ދާއިރާގައި ވަރަށް މުހިއްމު ކަމެއް" މިނިސްޓަރު ވިދާޅުވި އެވެ.

ރޭޑިއޯލޮޖީ ދާއިރާ އަށް ދިވެހިން ތަމްރީން ކުރަން ކުރިއަށް ގެންދާ މި ކޯސްތަކުގެ ފުރަތަމަ ބެޗްގައި 20 ކުދިންނަށް ޖާގަ ލިބޭނެ އެވެ. މި ކޯސްތަކުގެ ފުރަތަމަ ބެޗުގެ ފީ އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ދައްކަދޭނެ އެވެ.

އެސްޓީއޯގެ ސިއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ހެލްތް މިނިސްޓަރުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހެލްތް ފެސިލިޓީސްތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން އައިޖީއެމްއެޗް ފެންވަރުގެ ފަސް ހޮސްޕިޓަލް އަތޮޅުތެރޭ ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ރޭޑިއޮލޮޖީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ 90 ޕަސެންޓަކީ ބޭރު މީހުންނަށް ވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.

އަމްރު އިތުރަށް ވިދާޅުވީ ދިވެހިންނަށް މި ދާއިރާ އިން ކިޔަވަން ރާއްޖެ އިން ފުރުސަތު އޮތް ނަމަ ގިނަ ބަޔަކު އެ ދާއިރާ ހިޔާރު ކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. އަދި މި ދާއިރާ އިން ދިވެހިން ތަމުރީނު ކުރުމުގެ ގޮތުން ސްކްރީން ލެބަކާއި ޓްރެއިން ސެންޓަރެއް ގާއިމު ކޮށްފައިވާ ކަމަށެވެ.

އަތޮޅުތެރޭ ރޭޑިއޮގްރަފަރުންގެ ގޮތުގައި 37 މީހުން މަސައްކަތް ކުރަމުން ދެ އެވެ. އޭގެތެރޭގައި ތިބީ ތިން ދިވެހިންނެވެ. އައިޖީއެމްއެޖްގައި ރޭޑިއޮގްރަފަރުންގެ ގޮތުގައި 20 މީހުން މަސައްކަތް ކުރާއިރު އޭގެތޭގައި ހިމެނެނީ އެންމެ ދިވެއްސެކެވެ.