ރާ އްޖޭގެ ހުރިހާ ޝެފުންގެ "މަންމަ" -- މަރިޔަމް ނޫރައްދީން (މަރީ) އަކީ ޝެފެއް ނޫނެވެ. ކެއްކުމަކީ ހަމައެކަނި އެނާގެ ހޮބީ އެވެ. ޝެފުންގެ އެސޯސިއޭޝަނެއް އުފައްދަވައި، ޝެފުންނަށް ފުރުސަތުތައް ހޯއްދަވައިދެއްވުމަށް މިދިޔަ ދުވަސްތަކުގައި އިސް ދައުރެއް މަރީ އަދާކުރައްވައިފި އެވެ. މީހުން ބިނާކުރުމުގައި އުމުރުގެ ބޮޑުބައެއް ހޭދަކޮށްފައިވާ މަރީގެ އެންމެ ހާއްސަ މަސައްކަތަކީވެސް އެއީ އެވެ. މަރީގެ ދިރިއުޅުމުގައި ކޮންމެ ދުވަހަކީ ވެސް މީހުން ބިނާކުރުމަށް އެތައް ވަގުތެއް ހޭދަކުރައްވާ ދުވަސް ތަކެކެވެ.
މަރީ އަކީ ރާއްޖޭގައި ރަސްކަން ކުރައްވާފައިވާ އައްސުލަތާން ހަސަން ނޫރައްދީންގެ ކާފަ ދަރިކަނބަލެކެވެ. ޝާހީ އާއިލާ އަކަށް ނިސްބަތްވި ނަމަވެސް މަރީ އަކީ އެންމެންނާ ވެސް ގުޅޭ ސާދާ ބޭފުޅެކެވެ.
މަރީ ވިދާޅުވި ގޮތުގައި ތައުލީމު ހާސިލްކުރައްވައިގެން ފުރަތަމަ ރާއްޖެ ވަޑައިގެންނެވިއިރު އޭނާ ބޭނުންވީ ފަތުރުވެރިކަމުގެ ދާއިރާގައި މަަސައްކަތް ކުރެެއްވުމަށެވެ. ނަމަވެސް އެ ދުވަސްވަރު އަންހެން ކުދިން އެދާއިރާގައި މަސައްކަތްކުރުމަކީ އެކަމާ މެދު މީހުން ދެކޭގޮތް ތަފާތުވެފައި އޮންނަ ކަމަކަށްވާތީ، އެދާއިރާއަށް ނިކުންނަން އާއިލާގެ ހުއްދަ ނުލިބުނީ އެވެ.
80ގެ ފަހުކޮޅު ރާއްޖޭގައި ފުރަތަމަ ހޮޓެލް ސްކޫލެއް ހުޅުވުނުއިރު އެތަނުގެ ޓްރެއިނިން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް މަރީއަށް ފުރުސަތު ލިބިވަޑައިގެންނެވި އެވެ. ހޮސްޕިޓަލިޓީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ލިބިވަޑައިގެންފައިވާ އިލްމުގެ ބޭނުން ހިއްޕަވާ އެތަނުގެ ކަރިކިއުލަމް އެކުލަވާލެއްވުމުގައި މަރީ ބޮޑުދައުރެއް އަދާކުރެއްވި އެވެ. އޭގެ ފަހުން އެތަނުގެ ޑީންގެ ގޮތުގައި އެތަން ހިންގުމާވެސް ހަވާލުވެވަޑައިގެންނެވި އެެވެ.
ހޮޓެލް ސްކޫލުގައި ހޭދަކުރެއްވި އެތައް އަހަރެއްގެ މަސައްކަތުން މަރީ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އެތައް ސަތޭކަ ކުއްޖަކު ހިދުމަތަށް ނެރެދެއްވާފަ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ މިއަދު މުޅި ދުނިޔޭގައިވެސް އެންމެ މަގުބޫލު ބްރޭންޑަކަށް ހެދުމުގައި މަރީއާއި ހޮޓެލް ސްކޫލުން މުހިއްމު ދައުރެއް އަދާކޮށްފައިވެ އެެވެ.
ހޮޓެލް ސްކޫލަށްފަހު ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ސަރުކާރުގެ އެހެން އިދާރާއެއްގައި އިސް މަގާމެއްގައި ހުންނަވައިގެން މަރީ ވަނީ "ޓިވެޓް" އުފެއްދުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރައްވާފަ އެވެ. މީހުން ބިނާކުރުމަށް އޮތް ހާއްސަ ޝައުގުވެރިކަމެއްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ދިވެހިން އެންމެ ބޭނުންވާ ދާއިރާތައް މަރީ ގެންދެވީ ބައްލަވަމުންނެވެ. އެގޮތުން ރިސޯޓުތަކުގައި ޝެފުންގެ ގޮތުގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު މަދުކަން ފާހަގަކުރެއްވުމާ އެކު މަރީ ވަނީ "ޝެފް ގިލްޑް އޮފް މޯލްޑިވްސް" ނަމުގައި އެސޯސިއޭޝަނެއް އުފައްދަވާފަ އެވެ.
މި އެސޯސިއޭޝަނުން ގެންދަނީ ޝެފުން އުފައްދާ، ތަމްރީންކޮށް، އެމީހުންނަށް ބޭނުންވާ ތަޖުރިބާގެ ފުރުސަތުތައް ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދައިދިނުމާ އެކު އެ މީހުންގެ މަސައްކަތުގެ އަގުވެސް ވަޒަން ކުރަމުންނެވެ.
ޝެފް ގިލްޑުން އާންމުކޮށް ދެ ގޮތަކަށް ޝެފުން އުފައްދަ އެވެ. އެއީ ހޮސްޕިޓަލިޓީ ދާއިރާއިން ތައުލީމު ހާސިލްކޮށްގެން ނިކުންނަ ދަރިވަރުންނަށް ފުރުސަތު ދިނުމާއި، އަލަށް ވަޒީފާއަށް ވަންނަ ކުދިން ވަޒީފާ މާހައުލުގައި ތަމްރީނުކޮށްގެން ކުރިއެރުވުމެވެ.
ހަތަރު އަންހެން ކުދިންގެ މަންމަ -- މަރީގެ އެންމެ ބޮޑު އުއްމީދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަަސައްކަތް ކުރަމުން، ވަޒީފާ ވެސް އަދާކުރުމާއި އެކު މަތީތައުލީމު ހާސިލުކުރުމަށް ޒުވާނުުންނަށް އަދިވެސް ފުރުސަތު ހޯދައިދިނުމެވެ.
މީހުން ބިނާ ކުރުމުގައި މެދުނުކެނޑި 30 އަށް ވުރެ ގިނަ އަހަރު މަރީ މަސައްކަތް ކުރައްވައިފި އެވެ. އެމަސައްކަތުގެ ބުރަކަމާއި ނަތީޖާއެއް ނެރުމަށް އެކަމުގައި މަރީ ހޭދަކުރެއްވި ވަގުތު އަހަރެމެންނަށް ފަހަރެއްގައި އިހްސާސް ވެސް ނުވެދާނެ އެވެ. މަރީގެ ބުރަ މަސައްކަތުގެ އަގު ސަރުކާރާއި ބައެއް އަމިއްލަ ފަރާތްތަކުން ވަޒަންކުރެ އެވެ. ކުރަންޖެހޭ ވަރަށް މަރީގެ މަސައްކަތްތައް ހުރީ ފެންނާށެވެ.
މަރީއަށް މިއަހަރު ވަނީ މީހުން ބިނާކުރުމުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަތްޕުޅުން ލިބިވަޑައިގެންފަ އެވެ.
މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން ދިން "ޕްރެސިޑެންޝަލް ޓޫރިޒަމް ގޯލްޑް އެވޯޑް" އާއި، ވިމަން އިން މޯލްޑިވްސް އިން 2019 ވަަނަ އަހަރު ދިން ލީޑާޝިޕް އެކްސަލެންސް އެވޯޑާއި، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ ގޯލްޑް އެވޯޑާއި އިތުރު ބައެއް އެހެން އެވޯޑްތައް ވެސް މަރީއަށް ލިބިވަޑައިގެންފައިވެ އެވެ.
މަރީ ދެކޭ ގޮތުގައި އޭނާއަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ކާމިޔާބީ އަކީ ވެސް ގައުމަށް ބޭނުންވާ އެތައް ބަޔަކު ތަމްރީންކޮށް ހިދުމަތަށް ނެރުމެވެ. ކޮންމެ ކަމެއްވެސް އެންމެ ރަނގަޅަށް ކުރެވޭނީ އެކުރާ ކަމެއް ދެކެ ލޯބިން އަދި ކުރާ ހިތުން ކޮށްގެން ކަމަށް މަރީ ގަބޫލުކުރައްވަ އެވެ. ޒުވާނުން ވަކިން ހާއްސަކޮށް އަންހެން ކުދިން ނަމޫނާ އަކަށް ބެލުމަށް މަރީ އަކީ ފެންނަން ހުރި ވަރުގަދަ ނަމޫނާ އެކެވެ.