ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާންމު ނަމުންނަމަ ޑރ. ޗަބީ އަކީ ތުއްޕުޅު އިރުއްސުރެ ވެސް ކުޅިވަރަށް ލޯބިކުރައްވާ އަދި ގިނަ ކުޅިވަރުތަކެއްގައި ޝާމިލްވެ އުޅުއްވި ބޭފުޅެކެވެ. އެންމެ ޒުވާން ދުވަސްވަރު ފުޓުބޯޅައިގެ އިތުރުން، ކްރިކެޓް، ވޮލީ، ބެޑްމިންޓަން އަދި ޓީޓީ ފަދަ ކުޅިވަރުތައް ކުޅުއްވި އެވެ. ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށްދާ މިދުވަސްވަރު މުބާރާތުގެ މުހިއްމު މެޗުތައް މިނިސްޓަރު ވެސް ބައްލަވަ އެވެ.
ޓީޗިންގެ ދާއިރާ އިން ޑިގްރީ ހާސިލް ކުރެއްވުމަށް މީގެ 28 އަހަރު ކުރިން ޑރ. ޗަބީ ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. ޔުނިވާސިޓީ އޮފް ލެސްޓާގައި ތައުލީމު ހާސިލްކުރައްވަން ހުންނެވި އެ ދުވަސްވަރު މިނިސްޓަރުގެ ހިތްޕުޅުގައި ކުޅިވަރަށް ވަކިން ހާއްސަކޮށް ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން ވަރަށް ބޮޑެވެ. އެހެންވެ އިނގިރޭސިވިލާތުގެ ފްޓްބޯލް އެސޯސިއޭޝަން (އެފްއޭ) އިން އެ ދުވަސްވަރު ހިންގި ރެފްރީން ތަމްރީނުކުރުމުގެ ކޯހުގައި ބައިވެރިވެ، ރެފްރީކަމުގެ ލައިސަންސް ވެސް ހޯއްދެވި އެވެ.
ރެފްރީ ކޯސް ފުރިހަމަ ކުރެއްވީ ކޮންމެވެސް ދުވަހަކުން ފުޓުބޯޅަ ދަނޑެއްގައި ރެފްރީކަން ކުރެއްވުމުގެ އުއްމީދުގަ އެވެ. ނަމަވެސް އެ ވިސްނުން ދޫކޮށްލަން މަޖުބޫރުވެވަޑައިގަތީ އަދާކުރައްވަން ޖެހިވަޑައިގެންނެވި ވަޒީފާތަކާއި ހާލަތުގެ ގޮތުންނެވެ.
"މާލެ އައިސް ފުރަތަމަ އެސްއީސީ މިހާރުގެ ސީއެޗްއެސްއީ ހިސާބު ޓީޗަރެއްގެ ވަޒީފާ އަޅުގަނޑު އަދާކުރީ. އެޒަމާނަކީ ފުޓްބޯޅައިގެ ފޯރިގަދަ ޒަމާނެއް އަދި ރެފްރީކަން ކުރާ ބޭފުޅުންނާ ދޭތެރޭގައި ވެސް ވަރަށް ފޯރީގައި ކަންކަން ހިނގި ޒަމާނެއް. އެހެންވެ އަޅުގަނޑަށް ވިސްނުނީ ޓިޗަރެއްގެ ވަޒީފާ އަދާކުރުމުން ދަނޑުމައްޗަށް ނިކުމެ ރެފްރީކަން އަދާކުރަން ރަނގަޅު ނުވެދާނެއޭ،" ރެފްރީ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު އަމަލީ ގޮތުން އެކަމުގައި އުޅުއްވުމަށް ދިމާވި ދަތިތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ރެފްރީކަމުގެ ތަމްރީނު ހަދައިގެން ތިބި ރެފްރީން ވެސް އެދުވަސްވަރު ވަރަށް މަދެވެ. އެކަމަކު އޭރު ފުޓުބޯޅައިގެ ޖޯޝާއި ފޯރި މާވަރުގަދަ އެވެ. ޗަބީ ހުންނެވީ ރެފްރީ ކޯސް ފުރިހަމަ ކުރައްވައިގެންކަން އެނގިވަޑައިގަތުމާ ގުޅިގެން އެފްއޭއެމްގެ އޭރުގެ ރެފްރީސް ކޮމިޓީގެ ޗެއާމަން އަދި އެފްއޭއެމްގެ އިސް ބައެއް ބޭފުޅުން ރެފްރީކަން ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
"ރެފްރީކަމަކީ ވަޒީފާއެއްގައި އުޅެމުން ވެސް ކުރެވިދާނެ ހަމަ ރަނގަޅު މަސައްކަތެއް. މިކަމަށް ޝައުގުވެރިވާ ކުދިންނަށް ބުނެލަން އޮތީ އަޅުގަނޑަށް އެކަން އަދި ނުވިޔަސް ތިކުދިން ކެރިގެން ކުރިއަށް ދާށޭ. އެފަދަ ފުރުސަތުތައް މިއަދު ފަހިވަމުން ވެސް އެބަދޭ،" ކުޅިވަރަށް ވަކިން ހާއްސަކޮށް ރެފްރީ ކަމަށް ޝައުގުވެރިވާ ކުދިންނަށް ހިތްވަރު ދެއްވާ ވިދާޅުވި އެވެ.
ޗަބީ ވިދާޅުވި ގޮތުގައި ސްކޫލު ދުވަސްވަރު ކުޅިވަރާއި ދުރަށް ވަޑައިގަންނަވަންޖެހިވަޑައިގެންނެވި އެންމެ ބޮޑު އެއް ސަބަބަކީ ކަކުލު ހުޅަށް ލިބިވަޑައިގެންނެވި ބޮޑު އަނިޔާވެ. މުސްތަގުބަލުގައި ރެފްރީކަން ކުރެއްވުމުގެ ވިސްނުން މިހާރު ނެތް ކަމުގައި ވިދާޅުވި އެވެ. އެކަމަކު ޗަބީގެ ހިތްޕުޅުގައި ކުޅިވަރަށް އޮތް ލޯބި ފަނޑެއް ނުވެ އެވެ. މިއީ ވޯލްޑް ކަޕުގެ އެންމެ ފަހު ދުވަސްވަރަށް ވާތީ މެޗުތަކަށް ވާގޮތެއް ބެއްލެވުމަށް ހާއްސަ ޝައުގުވެރިކަމެއް އޮވެ އެވެ. މިނިސްޓަރުގެ މިހާރުގެ ފޭވަރިޓް ޓީމަކީ އަރަބި މުސްލިމު ގައުމެއް ކަމަށްވާ މޮރޮކޯ އެވެ.
"އަޅުގަނޑު މިހިރީ މޮރޮކޯއާ އެކީ އެނގޭތޯ. މޮރޮކޯ ފައިނަލަށް ގޮސް ތަށި ނެގުމަކީ އަޅުގަނޑުގެ އުއްމީދު. އެހެންވެއްޖެނަމަ އެއީ މުޅި ދުނިޔޭގެ ފުޓުބޯޅައަށާއި މުސްލިމް އަދި އަރަބި ގައުމުތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް. އުފަލެއް،" ސަޕޯޓް ކުރައްވާ ޓީމަކާ ގުޅޭގޮތުން ސުވާލުކުރެއްވުމުން ވިދާޅުވި އެވެ.
ޗަބީ ގަބޫލުކުރައްވާ ގޮތުގައި ވޯލްޑްކަޕްގެ ފައިނަލްގައި އެއްކޮޅުން ވާދަކުރާނީ މޮރޮކޯ އެވެ. ވޯލްޑްކަޕްގެ ތަށި މޮރޯކޯ ހޯދާނީ 2-0 އިން އާޖެންޓީނާ ބަލިކޮށް، ދުނިޔެވެސް ސިއްސުވާލާފައި ކަމަށްވެސް ޗަބީ ވިދާޅުވި އެވެ.
މޮރޮކޯއަށް ސަޕޯޓުކުރި ނަމަވެސް ޗަބީއަށް އެންމެ މޮޅު ކުޅުންތެރިޔަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މިގޮތުން ސެމީ ފައިނަލްގައި ކްރޮއޭޝިއާ އާއި ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުން މެސީގެ ފަރާތުން ފެނިގެން ދިޔަ އާދަޔާހިލާފު މޮޅު ކުޅުން ފާހަގަކުރެއްވި އެވެ.
"ފުޓުބޯޅައިގެ މާހިރުން ވެސް ވިދާޅުވަނީ ނެތް ސިޓުއޭޝަންއެއް ކްރިއޭޓް ކޮށްގެނޭ ރޭގެ ގޯލުގެ އެސިސްޓް މެސީ ހަދައިދިނީ. އެހާވެސް ފުރިހަމަ،" މެސީގެ އެހީތެރިކަމާ އެކު އާޖެންޓީނާ އިން ރޭ ޖެހި ތިންވަނަ ލަނޑަށް އިޝާރާތް ކުރައްވާ ޗަބީ ވިދާޅުވި އެވެ.
ކުޅިވަރުގެ ދާއިރާ އިން ޗަބީ އެންމެ ދެކެވަޑައިގަންނަވަން މިހާރު ބޭނުންފުޅުވާ ދުވަސްތަކަކީ ދިވެހި ކުޅުންތެރިން އެކި ކުޅިވަރުތަކުން ކުރިއަރައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް ގިނަ ރަން ވަނަތަކެއް ހާސިލްކުރުމެވެ. އަދި އެފަދަ މޮޅު ދިވެހި ކުޅުންތެރިން މިހާރު އުފެދެމުންދާ ކަމުގައި ވިދާޅުވި އެވެ.
ވޯލްޑް ކަޕްގެ ފައިނަލްގައި މޮރޮކޯ ކުޅޭނެ ކަމަށް ޗަބީ އަށް ލަފާކުރެއްވޭނަމަ ރެފްރީއެއްގެ ގޮތުގައި ޗަބީ ދަނޑުމަތިން ފެނިދާނެ ކަމަށް އުއްމީދު ނުކުރަންވީ ސަބަބެއް ނެތެވެ.