އެޗްޑީސީ

"ދަ އިޔާ 2045" ފޮތް ނެރެފި

Dec 26, 2022

ދަރިވަރުން 2045 އަށް ކުރާ އުއްމީދުތަކާއި ދަރިވަރުންގެ މެދުގައި 2045 ވަނަ އަހަރު ދުނިޔެ އޮންނާނެ ތަސައްވަރު ދައްކުވައިދޭ ފޮތް 'ދަ އިޔާ 2045' އިފްތިތާހުކޮށްފި އެވެ.

މި ފޮތުގެ ހުރިހާ މަސައްކަތަކީ ވެސް އުގައިލް ފައުންޑޭޝަނާއި އެޗްޑީސީގެ ފަރާތުން ހިންގާ ދަސާކަލްގެ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ މަސައްކަތެވެ.

މި ފޮތް އިއްޔެ އިފްތިތާހް ކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ.

އުގެއިލް ފައުންޑޭޝަންގެ އިސްނެގުމުގެ ދަށުން އަދި އެޗްޑީސީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދަސާކަލް އަކީ ކުޑަކުދިން އަދި ބޮޑެތި މީހުންގެ ވިސްނުން ތަރައްގީކޮށް އެ ފަރާތްތައް ބާރުވެރިކުރުވުމުގެ މަގުސަދުގައި ހިންގާ އެކަޑަމީ އެކެވެ.

އުނގެނުމަށް ޝައުގުވެރިވާ, އިލްމީ, މަސައްކަތްތެރި, އަދި ފަންނުވެރި ދަރިންތަކެއް ބިނާކުރުމަށްޓަކައި 2019 ގައި ފެށި މި އެކަޑަމީގެ ޕްރޮގްރާމްތަކުގައި މިހާތަނަށް ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފަ އެވެ.

ދަސާކަލްގެ ޕްރޮގްރާމްތަކުގެ ތެރޭގައި ލީޑާސް އޮފް ޓުމޯރޯ, ކޯޑިން އެންޑް ކްރިޓިކަލް ތިންކިން, އެޑްވާންސްޑް ކޯޑިންގް އަދި ކްރިއޭޓިވް އިންގްލިޝް ހިމެނެ އެވެ.

މި ޕްރޮގްރާމްތަކުގެ މައިގަނޑު ބޭނުމަކީ ބައިވެރިންނަށް އައު މައުލޫމާތުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން ބައިވެރިންގެ ވިސްނުން ތަރައްގީކޮށް ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ބޭނުންކުރެވޭނެ ފަދަ މުހިއްމު ހުނަރުތަކެއް ދަސްކޮށްދިނުމެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެއަށް އެކި ބޭނުންތަކުގައި ޒިޔާރަތް ކުރާ މީހުންނަށް ގިނަ ހިދުމަތްތަކެއް އަދި މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް އެޗްޑީސީގެ އިސްނެގުމުގެ މަތިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ލާބައަށް ކުރެވޭ މިފަދަ މަސައްކަތްތައް އަދި ވަކިން ހާއްސަކޮށް އިލްމީ ޖީލެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރު ކުރެވިގެން ދާނެ ކަމުގެ ޔަގީންކަން މި ހަފްލާގައި ވާހަކަ ދައްކަވަމުން އެޗްޑީ.ސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވަނީ ދެއްވާފަ އެވެ.