ބެ
ޑްމިންޓަންގައި މަޝްހޫރު އައިޝަތު އަފްނާން ރަޝީދުގެ ބެޑްމިންޓަން ހަޔާތުގެ ބިންގާ އެޅިގެން ދިޔައީ އޭނަގެ އުމުރުން އެންމެ ހަތް އަހަރުގަ އެވެ. ތުއްތުއިރު އެޅުނު ބިންގަލުގެ މަތީގައި ކުރިއަށް ގޮސް ގިނަ ކާމިޔާބީތަކެއް އަފްނާން މިހާރުވެސް ވަނީ ހޯދާފަ އެވެ.
އަފްނާން އަށް ލިބުނު ހުނަރާއި ކާމިޔާބާއި ތަޖުރިބާއަށްފަހު މިއަދު އޭނާ އެންމެ އިސްކަމެއް ދެނީ ހުނަރުވެރި އެތުލީޓުންތަކެއް އުފެއްދުމަށެވެ. އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ (އަރްބާ)ގެ ނަމުގައި އެކަޑަމީއެއް ހުޅުވައި ބެޑްމިންޓަން ކުޅުމުގެ ދާއިރާއިން ކުޑަކުދިންނަށް ބިންގާ އަޅައިދީ އެކުދިން ބިނާ ކުރުމުގައި އެނާ މިހާރުވެސް ރަނގަޅު ކުރިއެރުންތަކެއް ހޯދައިފި އެވެ.
"އަބަދުވެސް ކުޑަކުދިން ދެކެ ވަރަށް ލޯބިވޭ. ވަރަށް އެޓޭޗްވޭ" އަބަދުވެސް އަފްނާންގެ ހިތުގައި ކުޑަކުދިންނަށް ހާއްސަ ލޯތްބެއް ވެއެވެ.
އަފްނާންގެ ހުނަރާއި ޝައުގުވެރިކަން ހުރި ދާއިރާ އަކީ ބެޑްމިންޓަނެވެ. އެ ޝައުގުވެރިކަމުގައި އަފްނާން ވަނީ ސްކޫލް ނިމުމާއެކު ކުޑަކުދިންނަށް ކޯޗުކަން ކޮށްދޭން ފަށާފަ އެވެ. އެގޮތުން މާލޭގައި ހުރި އިރު ބިލަބޮންގް ސްކޫލް އަދި މެލޭޝިއާގައި ސްކޮލާޝިޕެއްގައި ގޮސް ހުރި އިރުވެސް ޕާޓް ޓައިމަށް ކުދިންނަށް ކޯޗު ކޮށްދީފައި ވެއެވެ. އަދި އަމިއްލަ ގޮތުންވެސް އަފްނާން އޭރުވެސް ދިޔައީ މި މަސައްކަތް ކުރަމުންނެވެ.
އަފްނާން އަބަދުވެސް ދެކެމުން އައި ހުވަފެނަކީ އަމިއްލަ އެކަޑަމީއެއް ހުޅުވައިގެން ކުދިން ތަމްރީނު ކުރުމެވެ. އެހުވަފެން ހަގީގަތަކަށް ވެގެން ދިޔައީ ފާއިތުވެގެން ދިޔަ 2021 ވަނަ އަހަރުގެ މާރިޗު މަހުގެ އެއްވަނަ ދުވަހުއެވެ. އެންމެ ދެކުދިންނާއެކު އަފްނާން އޭނަގެ ހުވަފެނުގައި ކުލަ ޖެއްސީ އަފްނާން ރަޝީދު ބެޑްމިންޓަން (އަރްބާ) ގެ ނަމުގައި އަމިއްލަ އެކަޑަމީއެއް ރަސްމީ ގޮތުގައި ހުޅުވައިގެންނެވެ. މިހާރު އަރްބާއަށް އެއް އަހަރުވެފައި ވާއިރު 190 އަށް ވުރެ ގިނަ ކުދިން އެކަޑަމީގައި ތަމްރީނުވަމުން ދެއެވެ.
އަރްބާ ހުޅުވައި ހިންގުމުގައި އަފްނާންއަށް އެންމެ ބޮޑު އެހީތެރިކަމަކާއި އެއްބާރުލުން ލިބެނީ އޭނަގެ އާއިލާއާ ގާތް ރައްޓެހިންގެ ފަރާތުންނެވެ.
"ހާއްސަކޮށް މަންމަ ބައްޕަ ވަރަށް ސަޕޯޓިވް"
އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ހާއްސަކޮށް އަންހެނެއްގެ ހައިސިއްޔަތުން އަމިއްލަ އެކަޑަމީއެއް ހުޅުވައިގެން ހިންގުމުގައި އަފްނާންއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެގޮތުން ރާއްޖޭގައި ވަސީލަތްތައް މަދުވުމުން ކުރިމަތިވާ ގޮންޖެހުންތައް ގިނަ އެވެ. އަފްނާން ފާހަގަކުރާ ގޮތުގައި އަރްބާ އެކަޑަމީއަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބެޑްމިންޓަން ޕްރެކްޓިސް ކުރުމަށް ކޯޓު ލިބުމުގައި އުޅޭ ދަތިތަކެވެ.
އަފްނާންގެ އުއްމީދަކީ މުސްތަގުބަލްގައި ބެޑްމިންޓަން ކޯޓުތައް ލިބުުމުގައި އަރްބާ އެކަޑަމީއަށް ވެސް ވަގުތުތަކެއް ކަނޑައެޅިގެން ދިޔުމެވެ.
އަރްބާ އެކަޑަމީގައި މިވަގުތު ތަމްރީނު ވަމުންދާ ކުދިންގެ ހުނަރާ މެދު އަފްނާންގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ.
"އެކަޑަމީގަ އެބަހުރި ވަރަށް ރަނގަޅު ކުދިން. މުބާރާތްތަކުން ރަނގަޅު ނަތީޖާ ހޯދާފައި ތިބި ރަނގަޅު ކުދިން އެބަ ތިބި"
އަފްނާން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބައިނަލްއަގުވާމީ މުބާރާތްތަކުން ވަނަ ހޯދުމުގެ ގާބިލިއްޔަތުކަން ހުރި ވަރުގެ ކުދިންވެސް އެކަޑަމީގައި ތަމްރީން ވަމުން އެބަދެ އެވެ. އަދި އެކުދިންނަށް ރަނގަޅު ތަމްރީނުތަކެއް ދިނުމަށް އަފްނާން ގެންދަނީ ތަފާތު ފުރުސަތުތައް ވެސް އެކުދިންނަށް ހޯދައިދެމުންނެވެ. އެގޮތުން ބައެއް ކުދިން މެލޭޝިއާ ފަދަ ގައުމުތަކަށް ގެންގޮސް ވެސް ތަމްރީންތަކެއް ވަނީ ދީފަ އެވެ.
އަފްނާންގެ ބެޑްމިންޓަން ކެރިއަރުގައި ރާއްޖޭގެ އެއްވެސް އެތުލީޓަކަށް ހޯދިފައި ނުވާ ބައެއް ކާމިޔާބީތައް ލިބިފައިވާއިރު އަދިވެސް އެރޮނގުން އަފްނާން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކެއްވެ އެވެ. މިހާރުވެސް ނެޝަނަލް ޓީމްގައި ޕްރެކްޓިސް ކުރަމުންދާ އަފްނާންގެ މިހާރުގެ ހުވަފެނަކީ ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑްސް މުބާރާތުގައި ރާއްޖެއަށް ގޯލްޑް މެޑަލް ހޯދައިދިނުމެވެ.
"އަފްނާންގެ ޑްރީމަކީ ގޯލްޑް މެޑަލްއެއް ނަގައިގެން ރިޓަޔާ ކުރުން. ބޭނުންވަނީ ރަނގަޅު ގޮތުގައި ގޯލްޑް މެޑަލް ނަގައިގެން ދުރަށް ޖެހިލަން"
ބެޑްމިންޓަން ކެރިއާގައި ރިޓަޔާ ކުރުމަކީ ފަސޭހަ ނިންމުމަކަށް ނުވާނެ ކަމަށްވެސް އަފްނާން ބުންޏެވެ.
ބެޑްމިންޓަން ގަވައިދުން ކުޅޭ ކުޅުންތެރިޔަކަށް މުސްތަގުބަލްގައި އޭނާ ނުވި ނަމަވެސް އަރްބާ އެކަޑަމީއާ ދުރަށް ޖެހުމުގެ ވިސްނުމެއް އަފްނާންގެ ނެތެވެ. އޭނާގެ ހުރިހާ ވެސް އުއްމީދަކީ އަދި އަމާޒަކީ ވެސް ބެޑްމިންޓަންގައި ހުނަރުވެރި ވިދުންގަދަ ކުޅުންތެރިންތަކެއް އުފެއްދުމެވެ.
"މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަފްނާން ތަމްރީން ކުރާ ކުދިން ރާއްޖޭގެ ނެޝަނަލް ޗެމްޕިއަންކަން ނަގާ ރަން މެޑަލް ހޯދާ ދުވަސް. އަދި އިންޓަނޭޝަނަލް މުބާރާތްތަކުގައި އެކުދިން ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދުން. އެވަރުގެ ޕޮޓެންޝަލް ހުރި ކުދިން އެބަ ތިބި." އަފްނާން ބުންޏެވެ.