ވެމްކޯ

މާލެ ކުނިކޮށް ޒިންމާ ނަގާނެ ބަޔަކު ނުވި

މާ ލޭގައި އުފެދޭ ކުނި ނަގައި މެނޭޖުކުުރުމުގެ ޒިންމާ އޮތް ދެ އިދާރާ އަކީ މާލެ ސިޓީ ކައުންސިލާއި ވެމްކޯ އެވެ. މިމަސައްކަތުގައި ވެމްކޯގެ ދައުރު އަދި ޒިންމާ ވަކިން ބޮޑެވެ. އެކަމަކު މިދިޔަ ތިން ހަތަރު ދުވަހު މާލެ ކުނިވެ ދިރިއުޅެން އުދަނގޫވާ ހިސާބަށް ދިޔައިރުވެސް ވެމްކޯ އާއި ސިޓީ ކައުންސިލް ތިބީ ކޯޅުމުގަ އެވެ. އެއްބަޔަކު އަނެއް ބަޔަކަށް ޒިންމާ ހަނދާންކޮށްދިނުމުގަ އެވެ. ރައްޔިތުންތަކެއް މާލޭގައި ދިރިއުޅޭ ކަމާއި އާންމު ސިއްހަތަކީ މުހިއްމު އެއްޗެއްް ކަމެއް ވެމްކޯ އާއި ސިޓީ ކައުންސިލަށް އެނގޭހެން ހީވެސް ނުވެ އެވެ. މިދިޔަ ތިން ހަތަރު ދުވަހަކު ސޯޝަލް މީޑިއާ ބަންޑުންވެފައި އޮތީ މާލެ ކުނިކޮށް، ގޮނޑުކުރި ފޮޓޯތަކެވެ. އެކަމަކު ވެމްކޯ އާއި ސިޓީ ކައުންސިލް ތިބީ ސިޔާސީ ކޯޅުމާއި ޑްރާމާ ކުޅުމުގަ އެވެ.

މާލެ ސަރަހައްދުގެ މަގުތަކާއި އެހެނިހެން އާންމު ތަންތަނުގައި އުފެދޭ ކުނި ވެމްކޯ އިން ދިޔައީ މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް ނަގަމުންނެވެ. މާލެ ސިޓީ ކައުންސިލާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ވެމްކޯ އިން ކުރަމުން ދިޔަ މަސައްކަތް އެ ކުންފުނިން ހުއްޓާލީ މިމަހުގެ 26 ވަނަ ދުވަހަށް އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެއްބަސްވުން އާނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެންނެވެ.

މާލޭގެ މޭޔަރު ވިދާޅުވި ގޮތުގައި އެއްބަސްވުން އާނުކުރަން ނިންމީ ވެމްކޯއިން މާލޭގެ މަގުތަކުގައި ހުންނަ ކުނި ނެގުމުގައި ފަރުވާ ކުޑަވެ އިހްމާލުވެފައިވާތީ އެވެ.

"ވެމްކޯއިން ކުނި ނުނަގާތީ އަޅުގަނޑުމެން ދިޔައީ އެއިރުވެސް އެކުނި ނަގަމުން. އަދި ވެމްކޯއަށް ފީ ވެސް ދައްކަމުން. އެކުނި އުކާލަން ގެންދިއުމުން ވެމްކޯއިން ގޭޓުފީ ވެސް ނަގާ. އެހެންވެ އަޅުގަނޑުމެންނަށް އެތައް ގުނައެއް ހަދަރު ކުޑަ ވާނެތީ އެއްބަސްވުން އާނުކުރަން ނިންމީ،" މޭޔަރު ވިދާޅުވި އެވެ.

ވެމްކޯގެ ދައުރު

ވެމްކޯ އުފެއްދީ ރާއްޖޭގައި އުފެދޭ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް 2016 ވަނަ އަހަރު އެވެ. ވެމްކޯގެ ޒިންމާގެ ތެރޭގައި މާލޭ ސަރަހައްދުގައި އުފެދޭ ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ހަވާލުވެފައި އޮތެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް މާލެ، ވިލިމާލެ، ހުޅުމާލޭގައި އުފެދޭ ކުނި ނަގައި، ތިލަފުށި ކުނިކޮށި ސަރަހައްދަށް ކުނި ގެންގޮސް ނައްތާލުން ހިމެނެ އެވެ.

މެވްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު މިމަހުގެ 29 ވަނަ ދުވަހު ވިދާޅުވީ މާލޭގެ 60،000 ގޭބިސީގެ ތެރެއިން އެކުންފުނީގައި ރަޖިސްޓްރީ ކޮށްފައިވަނީ 25،000 ގޭބިސީ ކަމުގަ އެވެ. އެހެންކަމުން ވެމްކޯގެ ޒިންމާ އަކީ އެ 25،000 ގޭބިސީގެ ކުނި ނެގުން ކަމަށް ވިދާޅުވި އެވެ. ސިރާޖުގެ ވާހަކަތައް ހުރި ގޮތުން މާލޭގައި ބާކީހުރި ގެތަކުން ކުނި ނަގައި މެނޭޖުކުރުމަކީ ސިޓީ ކައުންސިލްގެ ޒިންމާ އެކެވެ. ސިޔާސީ ބޭނުމެއްގައި މާލެ ސިޓީ ކައުންސިލް ކުށްވެރިކުރަން ސިރާޖު ބޭނުންވި ނަމަވެސް މާލޭގައި އުފެދޭ ކުނި ނަގައި ސާފުކުރުމުގެ ސާފު ސީދާ ޒިންމާއެއް ސިޓީ ކައުންސިލަކު ނެތެވެ. އެ މަސްއޫލިއްޔަތު އޮތް ފަރާތަކީ ވެމްކޯ އެވެ.

"އަޅުގަނޑުމެންގެ ސިސްޓަމުން އެނގޭނެ ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތައް، އަޅުގަނޑުމެންގެ މުވައްޒަފުންގެ ޓެބްލެޓުންނާއި ފޯނުން ވެސް ބަލާލެވޭނެ، އެހެން ވީމަ އަޅުގަނޑުމެން ކުނި ނަގާނީ ހަމައެކަނި ރަޖިސްޓްރީ ކޮށްފައި ހުންނަ ގޭބިސީތަކުން،" ފާޑުކިޔުންތަކަށް ޖަވާބު ދެއްވަމުން ސިރާޖު ވިދާޅުވި އެވެ.

އާންމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ބަލާއިރު ވެސް މާލެ ކުނިކޮށް ގޮނޑުކުރި މައްސަަލައިގައި ޒިންމާ ނަގަންޖެހޭ ފަރާތަކީ ވެމްކޯ ކަން އެނގެ އެެވެ.

މިގެއަކީ ބައިބަޔަށް ބަހާފައި ހުންނަ ގެއެއްްވީމަ އެންމެންވެސް އަބަދުވެސް ކުނި މިނެރެނީ ގޯޅިގަނޑަށް. ވެމްކޯއިން އަބަދުވެސް ކުނި ނަގާ. މިދެތިން ދުވަހު ކުނި ނުގާ. މިއީ ގައިމު އާންމު މަގެއް ނޫން. ކައުންސިލް މުވައްޒަފުން އެދަނީ މަގުމަތީ ހުރި ކުނި ހިފައިގެން މިގޭކައިރީ ހުރި ކުނި ނުނަގާ. ގޭގެ ކުރިމަތީ ހުރި ކުނި ނެގުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށް އަޅުގަނޑުވެސް ދެކެނީ،" އަމިއްލަ ގޭގެ ދޮރުމަތި ކުނިން ފުރިފައިވާތީ ކަންބޮޑުވެފައި ހުރި އައިޝަތު ރަޝީދާ ބުންޏެވެ.


ހެންވޭރުގައި ދިރިއުޅޭ އިބްރާހީމް ރަޝީދު ބުނީ މީގެކުރިން ގޭގެ ދޮރުމައްޗަށް ކުނި ނެރެން ވެމްކޯ އިން ބުނެފައި މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް އެގޮތަށް ނެރޭ ކުނި ވެމްކޯ އިން ނެނގި ކަމަށެވެ. ވެމްކޯ އިން މިހާރު އެގޮތަށް ދޮރުމަތީގައި ހުންނަ ކުނި ނުނަގަނީ މާލެ ސިޓީ ކައުންސިލަށް ސިޔާސީ ގޮތުން ޖެއްސުން ކުރަން ކަމަށް އިބްރާހީމް ރަޝީދު ވެސް ގަބޫލުކުރެ އެވެ.

"އަޅުގަނޑު ޕާސަނަލީ ގަބޫލެއް ނުކުރަން ގޭގެ ދޮރުމަތީ ބަހައްޓާލައި ކުނި ކޮތަޅަކީ މަގުމައްޗަށް އޭގެ ޒާތުގައި އަޅާ ކުނި ކަމަކަށް. އެއީ ވެމްކޯ އިން އަންގައިގެން ވެމްކޯގެ މުވައްޒަފުންނަށް ފަސޭހަކޮށްދިނުމަށް ގޭގެއިން ނެރޭ ކުނި. ދޮރުމަތީ އެ ބަހައްޓާ ކުނި ނަގަންޖެހޭނީ ވެމްކޯ އިން. މިއީ ވަރަށް ސާފުކޮށް އެނގޭ ކަމެއް. ވެމްކޯ އިން ސިޓީ ކައުންސިލަށް ޖެއްސުން ކުރަން މިކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް،" އިބްރާހީމް ރަޝީދު ބުންޏެވެ.

ސަރުކާރުގެ އިދާރާތަކާއި ވެމްކޯ އާއި ސިޓީ ކައުންސިލް ކޯޅުމުގައި

މި މައްސަލާގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ގޭބިސީތަކުން ގޭގެ ދޮރުމައްޗަށް ނެރޭ ކުނި ނެގުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށެވެ. ވެމްކޯ އިން މިދިޔަ ތިން އަހަރު ދުވަހަކު ޒިންމާ ނުނެގުމުން ގިނަ އަދަދެއްގެ ކުނިތައް ސިޓީ ކައުންސިލުން ނަގާ މާލެ ސާފުކޮށްފައިވާނެ ކަމުގައި މުއިއްޒު ވިދާޅުވި އެވެ.

"ވެމްކޯއިން ގަސްދުގައި މާލެ ސިޓީ ކައުންސިލަށް އުނދަގޫ ކުރަން ވެމްކޯ އިން ނަގަން ޖެހޭކުނި ނުނަގަނީ. މިއީ ހަމަ ސީދާ ޖެއްސުން ކުރުން،" މުއިއްޒު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލާއި ވެމްކޯގެ ކޯޅުން ބޮޑުވެފައި ވަނިކޮށް ސިޓީ ކައުންސިލްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ހުންނެވި އަހްމަދު މަމްދޫހް (މަންޑޭ) ވަނީ ޓްވީޓެއް ކުރައްވާ ކޯޅުމުގެ ތެރެއަށް ތެޔޮ އަޅައި އިތުރަށް ހުޅުރޯކޮށްފަ އެވެ. މަންޑޭ ޓްވިޓާގައި އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ ވެމްކޯގެ މުވައްޒިފެއް ކަމަށް ބެލެވޭ މީހަކު ޑަސްޕިނަކުން ކުނި ނަގައި މަގުމައްޗައް ކުނިއަޅަމުންދާ މަންޒަރެވެ.

"މާލެ ސިޓީ ކައުންސިލް ފެއިލްކޮށްލަން ތިކުރާ ކަމެއް ނުވާނެ،" މަންޑޭގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

https://twitter.com/Mandey77/status/1608743773865115649

މުއިއްޒު އަށް ރައްދު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް މާލެތެރޭގައި ހުރި ހުރިހާ ކުންޏެއް ވެމްކޯ އިން ނަގައިދިން ކަމަށެވެ. އެކަމަކު ދެން އެ މަސައްކަތް ކުރާނީ މީގެކުރިންވެސް ކުރި ގޮތަށް ވެމްކޯ އާއި ސިޓީ ކައުންސިލާ ދެމެދު އަލުން އެއްބަސްވުމެއް ހަދައި މާލޭގައި އުފެދޭ ކުނި މެނޭޖުކުރުމުގެ މަސައްކަތް ހަވާލުކުުރުމުން ކަމަށެވެ.

ސިރާޖު ވިދާޅުވި ގޮތުގައި މާލެ އިން ކުނި ނަގައި މެނޭޖުކުރުމަކީ ކިހާ އުދަނގޫ ކަމެއް ކަމަށް މޭޔަރަށް މިހާރު އެނގިވަޑައިގަންނަވާނެ އެވެ. އަދި އަމިއްލައަށް ކުރަން އުޅުނު މަސައްކަތުގައި މާލެ ސިޓީ ކައުންސިލް ފެއިލްވެފައި އޮތް މިންވަރު މިހާރު އެނގޭނެ ކަމަށް ދޭހަވާ ގޮތަށްވެސް ސިރާޖު ވަނީ ވާހަކަދައްކަވާފަ އެވެ.

"އެބޭފުޅުނަށް ވެމްްކޯގެ މަސައްކަތް އަންޑައެސްޓިމޭޓް ކުރެވުނީ، މިހާރު މިފެންނަނީ ނުވެގެންދާ ތަން،" ސިރާޖު ވިދާޅުވި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ކުރެއްވި ޓްވީޓެއްގައިވެސް މަސައްކަތް ކުރެއްވީ މާލެ ކުނިވެ ގޮނޑުވެގެން ދިއުމުންވެސް ވެމްކޯ އާއި ސަރުކާރު ސަލާމަތްކޮށް، މާލެ ސިޓީ ކައުންސިލާއި މޭޔަރު ކުށްވެރިކުރެވޭތޯ އެވެ. ކުންޏަކީ ނުނަގައި ބަހައްޓައިފިނަމަ އާންމު ސިއްހަތަށް އޮތް ކިހާ ބޮޑު ނުރައްކަލެއް ކަމެއް އެއްގޮތަކަށްވެސް ނޭނގޭ ކަހަލަ އެވެ.

"މުއިއްޒު ކިތަންމެ ވަރަކަށް ކަމުން ރެކެން ދޮގުހެދިޔަސް ތިހުރީ ފެއިލްވެފައި.... އަދިވެސް މާލެ ސާފުކުރެވޭނީ ވެމްކޯއަށް،" އަލީ ސޯލިހް ވިދާޅުވި އެެވެ.

މާލެ ކުނިކޮށް ގޮނޑުކޮށްލި މައްސަލައިގައި މިނިވަންކޮށް ހިނގާ އިދާރާއެއް ކަމަށް ބުނާ އީޕީއޭ އިންވެސް އަމަލުކުރީ ނިކަން ސިޔާސީ ގޮތަކަށެވެ. ވަކިކޮޅަކަށް ބޯޅަޖަހާ ފޮނުވާލިއިރު އެ އިދާރާގެ ފެއިލްވުން ވެސް ބޮޑެވެ.


އީޕީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މަގުތަކުގައި ކުނި ގިނަވާތީ އާންމުންނަށް އުނދަގޫ ކުރިމަތިވަމުންދާ ކަމަށެވެ. އެހެންކަމުން މަގުތައް ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނީ ގޮތުން މަތިކުރެވިފައިވާ ފަރާތުން މަގުތައް ސާފުކުރަން އިލްތިމާސްކުރާ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން އެ ޒިންމާ އާ ހަވާލުވެފައި އޮތް ކަމަށް ކަނޑައަޅައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސް ކުރީ މާލެ ސިޓީ ކައުންސިލުން މާލެ ސާފުކުރުމަށެވެ.

މާލޭގެ ކުނީގެ މައްސަލައިގައި ގަރުނުގެ ބޮޑު ޑްރާމާ ކުޅުމަށްފަހު ވެމްކޯ އިން އިއްޔެ ވަނީ މާލޭ ސާފުކުރަން ނިކުމެފަ އެވެ. އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އަންގަވައިގެން މާލެ ސާފުކުރަން ހާއްސަ އޮޕަރޭޝަނަކަށް ވެމްކޯ ނިކުމެ މާލެ ސާފުކުރަނީ ކަމަށް ބުނުން ފިޔަވާ ތަފްސީލް މައުލޫމާތެއް ވެސް މީޑިއާއަކަށް ނުދެ އެވެ. ހާއްސަ އޮޕަރޭޝަންގައި ނަގަނީ ކޮންތަނަކު ހުރި ކުންޏެއް ކަމެއްވެސް ނުބުނެ އެވެ. އޮޕަރޭޝަން ނިންމާނެ ދުވަހެއްވެސް ނުބުނެ އެވެ.

ކުނީގެ މައްސަލައިގައި ޒިންމާ އިން ރެކިގަތުމަށް މާލެ ސިޓީ ކައުންސިލާއި ވެމްކޯ ޑްރާމާ ކުޅޭއިރު މާލޭގައި އުފެދޭ ކުނީގެ މައްސަލަ ހައްލުކުރުމުގައި ފަރުދީ ޒިންމާވެސް ބޮޑެވެ. މަގުމައްޗަށް ކުނި ނޭޅުމަށް ކަމާ ގުޅޭ އިދާރާތަކުން ތަކުރާރުކޮށް އިލްތިމާސްކުރާއިރު މަގު މައްޗަށް ކުނި އެޅުމަކީ އާންމު ކަމެކެވެ. އަމިއްލަ ފަރުދީ ޒިންމާއަށް އިހްމާލުވެ، އާންމު ސިއްހަތު ބޮޑު ނުރައްކަލަކަށް ވައްޓާލުމަކީ އާންމު މީހާވެސް ވިސްނަންޖެހޭ ސީރިއަސް މައްސަލަ އެކެވެ.

ވެމްކޯ އާއި މާލެ ސިޓީ ކައުންސިލުން ޒިންމާ އަދާކުރުން އަވަސްކޮށް، މާލެ ސާފުކޮށްދިނުމަށް އިލްތިމާސް ކުރަމެވެ. ދެ އިދާރާގެ ޑްރާމާ ނިމޭއިރު ކުންޏާ ގުޅިގެން އާންމު ރައްޔިތުން ބަލިމަޑުކަމަކަށް ވެއްޓިގެން ދިއުމަކީ ދިމާވާނެ އިތުރު ނުރައްކަލެވެ. މިހާލަތަށް ވައްޓާނުލައި ކުނީގެ މައްސަލަ ހައްލުކޮށްދޭށެވެ. ކަންކުރަންވީ ގޮތް އެނގޭނީ ވެމްކޯ އާއި ސިޓީ ކައުންސިލަށެވެ. ރައްޔިތުން ބޭނުންވަނީ މައްސަލައިގެ ހައްލެވެ. ސާފު ރީތި މާލެ އެކެވެ.