މާލޭ ސިޓީ ކައުންސިލް

މަގުތަކަށް ކުނި އަޅައިގެން 180 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި

މާލޭގެ މަގުތަކަށް ކުނި އަޅައިގެން 180 އަށް ވުރެ ގިނަ މީހަކު ޖުރިމަނާކޮށްފި އެވެ.

މަގުތަކަށް ކުނި އަޅައި މީހުން ހޯދައި އެ މީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފެށީ މާލޭގެ މަގުތަކަށް ކުނި އަޅާ މައްސަލަ ބޮޑުވެ އާންމުންގެ ޝަކުވާތައް އިތުރުވުމާ ގުޅިގެންނެވެ.

މާލެ ސިޓީ ކައުންސިލުން ގެންދަނީ މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯއާއި ވީޑިއޯ ވެސް އާންމުކުރަމުންނެވެ.

މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގެ މޭޔަރު ކަމާ އާދަމް އާޒިމް ހަވާލުވެވަޑައިގެންނެވި ފަހުން މާލެ ސާފުކޮށް ރީތިކޮށް ބޭއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ކުނި އަޅައި މީހުން ހޯދައި އެ މީހުންނަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

އޮފިޝަލުން ވިދާޅުވީ އާޒިމްގެ މޭޔަރު ކަމުގައި މާލޭގެ މަގުތަކަށް ކުނި އަޅައިގެން މިހާތަނަށް 180 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށް، އެއް ބިދޭސީ އަކު ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޖޫރިމަނާ ކުރި ގިނަ މީހުންނަކީ ބިދޭސީން،" އޭނާ ވިދާޅުވި އެވެ.

ކުނި އަޅާ މީހުން ޖޫރިމަނާ ކުރަނީ އެކަން ކުރާ ކޮންމެ ފަހަރަކު 500 ރުފިޔާ އިންނެވެ.