މާލޭގައި އާންމުކޮށް ކުނި އަޅައި ސަރަހައްދުތަކެއް ފާހަގަކޮށް އެގޮތަށް ކުނި އެޅުން ހުއްޓާލުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ލިސްޓުގައި ހިމެނެނީ ޖުމްލަ 18 ތަނެކެވެ. މީގެތެރޭގައި ހިމެނެނީ ގަލޮޅާއި ހެންވޭރުގައި ކޮންމެ އަވަށަކުން ފަސް ތަނަކާއި، މާފަންނާއި މައްޗަށްގޮޅީގައި ކޮންމެ އަވަށަކުން ހަތަރު ތަނެކެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ކައުންސިލްގެ އެދުމަކީ ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކޮށް، އެއްވެސް ތަނެއްގައި ކުނި ނުބެހެއްޓުން ކަމަށެވެ.
"މީގެން އެއްވެސް ތަނެއްގައި ކުނި ބަހައްޓާ ފަރާތެއް ފެނިއްޖެނަމަ ނަސޭހަތްތެރިވެ އެކަން ހުއްޓުވުން، ނުހުއްޓުވިއްޖެނަމަ އަޅުގަނޑުމެންގެ ކޯލް ސެންޓަރ 1622 އަށް ރިޕޯޓް ކޮށްދެވުން އެދެން،" ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
މާލޭގެ އާންމު ތަންތަނުގައި އުފެދޭ ކުނި ނަގައި މެނޭޖުކުރުމަށް މާލެ ސިޓީ ކައުންސިލާއި ވެމްކޯއާއި ދެމެދު ހަދާފައި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މާލެ ސިޓީ ކައުންސިލުން ވަނީ އެއްބަސްވުން އާނުކޮށް، އެ މަސައްކަތާ ހަވާލުވެފަ އެވެ. މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި އެއްބަސްވުން އާނުކުރީ ވެމްކޯ އަށް އެމީހުންގެ ޒިންމާ އަދާނުކުރެވޭތީ އެވެ. ނަމަވެސް ވެމްކޯ އިން އެ ތުހުމަތު ދޮގުކުރެ އެވެ.
އެއްބަސްވުމުގެ މުއްދަތު މިދިޔަ ޑިސެމްބަރު 26 ވަނަ ދުވަހު ހަމަވުމުން ވެމްކޯ އިން ވަނީ ޖެހިގެން އައި ޑިސެމްބަރު 27 ވަނަ ދުވަހުން ފެށިގެން މާލޭގެ މަގު މައްޗަށްވާ ގޮތަށް އެއްވެސް ތަނެއްގައި ކުނި ހުރިނަމަ އެފަދަ ކުނި ނެގުން ހުއްޓާލާފަ އެވެ. ވެމްކޯ އިން ބުނީ މަގަށްވާ ގޮތަށް ކުނި ހުރި ނަމަ އެއީ މިހާރު ވެމްކޯ އިން ނަގަންޖެހޭ ކުނި ނޫން ކަމަށެވެ. އެކަމަކު ސިޓީ ކައުންސިލުން ބުނީ މާލޭގެ ގޭބިސީތަކުގެ ކުރިމަތީގައި ބަހައްޓާފައި ހުންނަ ކުނި ކޮތަޅުތަކަކީ ވެމްކޯއަށް ފައިސާ ދައްކާ އާންމު މީހުން ނެރޭ ކުނި ކަމަށްވާތީ ވެމްކޯ އިން އެފަދަ ކުނި ނަގަންވާނެ ކަމަށެވެ. ނަމަވެސް އިއްޔެ އާއި ހަމައަށް ވެމްކޯ އިން ވަނީ މާލެ އިން ކުނި ނެގުން ހުއްޓާލާފަ އެވެ. އެހެންނަމަވެސް އެންވަޔަރަންމަންޓް މިނިސްޓަރު އަންގަވައިގެން ކަމަށް ވިދާޅުވެ އިއްޔެ ހަވީރު ވެމްކޯ އިން ވަނީ މާލެ ސާފުކުރުމުގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު އެންމެ ފަހުން ދިން މައުލޫމާތަށް ބަލާއިރު ރޭ 11:00 އިން ފެށިގެން މިއަދު މެންދުރުފަހު 1:30 އާއި ހަމައަށް މާލޭގެ މަގުތަކުން ވަނީ 30.1 ޓަނުގެ ކުނި މާލެ ސިޓީ ކައުންސިލުން ނަގާފަ އެވެ.