މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ކުނި މެނޭޖްކުރަން ހާއްސަ ސެކްޝަނެއް

މާލެ އަދި ވިލިމާލޭގެ އާންމު ސަރަހައްދުތަކުން ކުނި ނެގުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަންގެ ނަމުގައި ހާއްސަ ސެކްޝަނެއް ހުޅުވައިފި އެވެ.

މިއަދު ހެނދުނު މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ސެކްޝަނަކީ މާލެ ސިޓީ ކައުންސިލުން މާލެތެރެ ކުނިކަހާ އަދި ކުނި ނަގާ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާއި ހަވާލުވެ އެ މަސައްކަތާއި ގުޅޭ އިދާރީ ކަންކަން ކުރިއަށް ގެންދިއުމަށް ޖާގަ ނެތުމާ އެކީގައި ޖާގަ ހަމަޖެއްސުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ހުޅުވުނު އޮފީހެކެވެ.

މި ސެކްޝަން ހުޅުއްވައިދެއްވުމަށް ފަހު މޭޔަރު މުއިއްޒު ވިދާޅުވީ މިއީ މާލެ ސިޓީގެ ރައްޔިތުންނާއި ގާތުން ރައްޔިތުން އިންތިހާބުކޮށްފައިތިބި ކައުންސިލަރުންގެ ބެލުމުގެ ދަށުން މާލެތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާގޮތެއްގައި ގެންދިއުމަށް އެޅުނު ވަރަށްބޮޑު ފިޔަވަޅެއްކަމަށެވެ. އަދި މި އޮފީސް ހުޅުވިގެން ދިއުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި ވެސް މުއިއްޒު ވިދާޅުވިއެވެ.

"މިއީ ހަގީގަތުގައި ވަރަށް ތާރީހީދުވަހެއް. އެންމެފަހުން މާލޭ މުނިސިޕަލްޓީގައި މާލޭގައި ވޭސްޓް މެނޭޖްމެންޓް މަސައްކަތް ކުރިއަށްގެންދިޔައީ. ދެން އެއަށްފަހު އެތައް އަހަރެއް ގޮސް މިހާރު މިގޮތަށް މި ހަމަޖެހިގެން ދިޔައީ. މީގެ ނަތީޖާއަކަށް ވާނީ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައި އިތުރަށް ހަރުދަނާކޮށް މާލެތެރެ ރީތިކޮށްސާފުކޮށް ބޭއްވުމުގެ މަސައްކަތް ރަނގަޅަށް ގެންދިއުން،" މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވަނީ ކުރިއަށް މިއޮތް ދެތިން ހަފްތާގެތެރޭގައި އިތުރު ފިޔަވަޅުތައް އެޅި މާލެތެރެ ސާފުކުރުން ހަރުދަނާ ކުރުން އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުންނާނީ މާލެ ސިޓީގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައިގައެވެ.

މާލެ ސާފުކޮށް ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވީ މިދިޔަ ޑިސެމްބަރު 26 އަށެވެ. އަދި މިދިޔަ ސެޕްޓެމްބަރި މަހު މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ، އެ އެއްބަސްވުން ދެން އާނުކުރުމަށެވެ.

މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުގައި އުފެދޭ ކުނި، ސިޓީ ކައުންސިލުން މިހާރު ސާފުކުރަމުން އަންނަ ނަމަވެސް ގޭބިސީތަކުން އުކާލުމަށް މަގުމައްޗަށް ނެރޭ ކުނި އުކާލުމަކީ އަދިވެސް ވެމްކޯގެ ޒިންމާ އެކެވެ.