ހަބަރު

އަންނަ މަހު 15 އިން ފެށިގެން ކުނި ނަގާނީ ރޭގަނޑު

Dec 24, 2020
3

އަންނަ މަހުގެ 15 އިން ފެށިގެން މާލެ ސަރަހައްދުގައި، ކުނި ނަގާނީ ރޭގަނޑު ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފި އެވެ.

ސިޓީ ކައުންސިލް އާއި ވެމްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި އަންނަ މަހުގެ 15 އިން ފެށިގެން ކުނި ނަގާނީ ރޭގަނޑު 12:00 އިން ފެށިގެން ކަމަށެވެ. ނަމަވެސް ރޭގަނޑު 10:00 ގެ ކުރިން ކުނި ކޮތަޅު ނެރުމަށް އެ ކުންފުނިން އެދެ އެވެ.

"އަޅުގަނޑުމެން ކުނި ނަގަން ފަށާނީ 12 ޖަހާއިރު، އެހެންވެ އިރާދުކުރެއްވިއްޔާ ފަތިސް ނަމާދަށް މީހުން ނުކުންނަށް ވާއިރަށް މަގުތައް އޮންނާނީ ސާފުކޮށް. ރީތިކޮށް. މި ގަޑީގައި މަގުތަކުގައި ކުނި ކެހުން ވެސް ކުރިއަށް ދާނެ،" އާދަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތަކީ މުވައްޒަފުންނަށް ބުރަ މަސައްކަތެއް ކަމަށެވެ. ހާއްސަކޮށް ކޮންމެ ރެއަކު އެއް ގަޑިއަކަށް ނުނިދައި ހޭލާ ތިބެގެން ނުކުމެ މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

"މުވައްޒަފުންނަށް ބުރަ ވިއަސް އަޅުގަނޑުމެން މިކަން ކުރަނީ ރައްޔިތުންނަށްޓަކައި. އެކަމުގައި ދެމި ތިބޭނީ. އެހެންވެ، ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ،" އާދަމް ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު، ޝިފާ މުހައްމަދު ވިދާޅުވި ގޮތުގައި އަންނަ މަހު ސްކޫލްތައް ހުޅުވާއިރު، މާލެތެރެ ސާފުކޮށް ބޭއްވުމަށް ސިޓީ ކައުންސިލުން ބޭނުންވާ ކަމަށެވެ. "މި ގަޑިއަށް ކުނި ނެގުން ބަދަލު ކުރީމަ ބައެއް ދަތިތައް ހުރެދާނެ. ނަމަވެސް މިކަމަށް ހައްލެއް ބޭނުންވޭ،" ޝިފާ ވިދާޅުވި އެވެ.

ވެމްކޯ އިން މިހާރު ކުނި ނެގުމުގެ މަސައްކަތް ކުރަނީ މެންދުރު ފަހު 2:00 އިން ފެށިގެންނެވެ. އަދި މިގޮތަށް ކުނި ނެގުން ކުރިއަށް ގެންދިއުމުން މާލެ މަގުތަކުގައި ކުނި ނުނަގައި ގިނަ އިރު ހުރުމުން ކުނިވަސް ދުވުން ފަދަ މައްސަލަތައް ނުކުމެ އެވެ.