ކުނި ނަގަން ރަޖިސްޓްރީކޮށްފައިވަނީ މަދު ގޭބިސީތަކެއް ކަަމަށާއި އެހެންކަމުން ވީހާވެސް ގިނަ ބަޔަކު ކުނި ނަގަން ރަޖިސްޓްރީވާން ވެމްކޯއިން އިލްތިމާސްކޮށްފި އެވެ.
ކޮވިޑާ ގުޅިގެން ގޭގެއަށް ސީދާ ވަދެ ކުނި ނެގުން މެދު ކަނޑާލައިފައި އޮތް ނަމަވެސް ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާތީ މިމަހުގެ 15 އިން ފެށިގެން އިމާރާތްތަކުގެ އެންމެ ތިރީ ފަންގިފިލާއިން ކުނި ނަގަން ފަށަން ވަނީ ނިންމައިފަ އެވެ.
އެގޮތުން ރޭގަނޑު އަށަކުން ފެށިގެން ކުނި ނަގަން ނިންމާފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ގޭބިސީތަކުންނެވެ. ނަމަވެސް އެކަމަށް އެންމެ އެދެވޭ ތަރުހީބެއް ލިބިފައި ނުވާ ކަމަށާއި މިހާތަނަށް ކުނި ނަގަން ރަޖިސްޓްރީ ކުރީ މަދު ގޭބިސީއަކުން ކަަަމަށް ވެމްކޯއިން ބުނެ އެވެ.
ވެމްކޯއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯގެ ބިޒްނަސް ޑިވޮލޮޕްމަންޓް އެންޑް މާކެޓިން މެނޭޖަރު އިސްމާއިލް އުބައިދު ވިދާޅުވީ ކުނި ނަގަން ރަޖިސްޓްރީކޮށްފައިވަނީ މާލޭގެ ގޭބިސީތަކުގެ 29 ޕަސެންޓް ކަމަށާއި އަދި 70 ޕަސެންޓް ގޭބިސީތައް ރަޖިސްޓްރީ ނުވާ ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ގޭބިސީތަކުން ރަޖިސްޓްރީވާން އޭނާ އިލްތިމާސްކުރެއްވި އެވެ.
"ފަރުދީ ޒިންމާ ނަގައި ކޮންމެ ގޭބިސީއަކުންވެސް އުފެދޭ ކުނި ވެމްކޯގެ ސިސްޓަމް ތެރޭގައި ރަޖިސްޓްރީވެ އެހީތެރިކަން ދެއްވާ" އުބައިދު ވިދާޅުވި އެވެ.
ކޮވިޑާ ގުޅިގެން ގިނަ ގޭބިސީތަކަކުން ވެމްކޯގެ ކުނި ނެގުމުގެ ހިދުމަތް ކެންސަލްކުރި އެވެ. ނަމަވެސް ވެމްކޯއިން ގޭގެއަށް ވަދެ ކުނި ނުނަގާ މަގުމަތިން ކުނި ނަގާތީ ކެންސަލް ކުރި ފަރާރްތަކުން ވެސް އޭގެ ނާޖާއިޒު ފައިދާ ނަގަމުން ދިޔަ ކަމަށް ވެމްކޯއިން ބުނެ އެވެ.
ވެމްކޯއިން އަލުން ގޭގެއަށް ވަދެ ކުނި ނަގަން ނިންމީ މާލޭ ސިޓީ ކައުންސިލުން އެކަމަށް ތަކުރާރުކޮށް އެދުމާ ގުޅިގެންނެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިއަދު ވިދާޅުވީ މާލޭގެ މަގުތަކަށް ކުނިތައް ޖަމާކުރުމުގެ ސަބަބުން ބުޅަލުގެ އުނދަގުލާއި އަދި ކުނި ހޮވާ މީހުންގެ އުނދަގޫ ވަރަށް ބޮޑު ކަމަށެވެ. އަދި މާލޭ ސިޓީގެ މަގުތައް ސާފުކޮށް ބޭއްވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރަން ވެމްކޯއާ ގުޅިގެން އެއް މަސް ދުވަހުގެ އޮންލައިން ވިޝުއަލް ކެމްޕޭނެއް ފަށަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ނަރީސް އިތުރަށް ވިދާޅުވީ އިމާރާތްތަކުގެ އެންމެ ތިރީ ފަންގިިފިލާއިން ކުނި ނަގާތީ ވެމްކޯ އިން މިހާރު ނަގަމުންދާ ފީ ކުޑަކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއްް ނުދެއްވަ އެވެ.