މިއީ މޫސުން ގޯސް، ވިއްސާރަ ދުވަސްވަރަކަށް ވާތީ އެއްވެސް ގެއަކުން މަގު މައްޗަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިލްތިމާސްކޮށްފި އެވެ.
މި ހަފުތާއަކީ މޫސުން ގޯސް، ވިއްސާރަ ހަފުތާއެއްކަން ފާހަގަކޮށް ވެމްކޯ އިން ވަނީ އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ އުކާލާ ކުނި މަގުމައްޗަށް ނުވަތަ އާންމު ސަރަހައްދުތަކަށް ނުނެރުމަށް އެދިފަ އެވެ.
ވެމްކޯ އިން ވަނީ ކުނި ނުނެގި ހުރި ގެއެއް ފާހަގަކުރެވިއްޖެނަމަ ނުވަތަ ހިދުމަތް ނުލިބޭނަމަ އެ ކުންފުނީގެ ހޮޓްލައިން 1666 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.
މޫސުން ގޯސް ނަމަވެސް މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާނެ ކަމަށް ވެމްކޯ އިން ވަނީ ބުނެފަ އެވެ.
މަގު މައްޗަށް ކުނި ނުނެރުމަށް އެދިފައިވާޢިރު ވެމްކޯއިން ވަނީ ރޯދަމަހު ކުނި ނަގާ ވަގުތުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ.
އެގޮތުން ރޯދަމަހު މާލޭގެ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތް ދޭނީ ރޭގަނޑު 08:30 އިން ދަންވަރު 02:30 އަށެވެ. ޅުމާލޭގައި ކުނި ނެގުމުގެ ހިދުމަތް ދޭނީ ރޭގަނޑު 09:00 އިން ދަންވަރު 01:00 އާ ހަމައަށެވެ. އަދި ވިލިމާލޭގައި ހިދުމަތް ދޭނީ ރޭގަނޑު 09:30 އިން ދަންވަރު 01:30 އަށެވެ.