ހަބަރު

އަތްގާޑިޔަލުގައި ކުނިއުކުން ވިލިމާލެއާއި ހުޅުމާލޭގައި މަނާކޮށްފި

ވިލިމާލެއާއި ހުޅުމާލޭގެ ކުނިކޮށްޓަށް އަތްގާޑިޔާ އަދި ޓްރޮލީގައި ކުނިއުކުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މަނާކޮށްފި އެވެ.

ވެމްކޯއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަމިއްލައަށް ކުނިއުކާލަން ބޭނުންވާނަމަ ކޮންމެ ފަރާތަކުންވެސް އެކަމަށް ހާއްސަކުރެވިފައިވާ ކެޓަގަރީކަމަށްވާ "ޑީ" ކެޓަގަރީގައި ރަޖިސްޓަރީ ކުރަންޖެހޭނެ ކަމަށެވެ. އެ ހިދުމަތް އެއްވެސް އަގަކާއި ނުލާ ވެމްކޯއިން ފޯރުކޮށްދޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ވެމްކޯއިން ބުނީ ރަޖިސްޓަރީނުކޮށް ކުނިއުކާލަން ބޭނުންވާ މީހުނަށް ކުނިއުކާލެވޭނީ ޓްރާންސްފާ ފީއެއްގެ ގޮތުގައި 30 ރުފިޔާ ދެއްކުމަށް ފަހުގައި ކަމަށެވެ. އަދި މި ކެޓަގަރީގައި ވިޔަފާރީގެ ގޮތުގައި ހިންގާ ކުންފުނިތަކާއި ތަފާތު މުއައްސަސާތައް ނުހިމެނޭ ކަމަށްވެސް ބުނެފައިވެ އެވެ.

މާލޭ ސިޓީގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކުނި މެނޭޖުކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ކުރަމުން އަންނަނީ ވެމްކޯއިންނެވެ.