މަގު މައްޗަށް ކުނި ނެރެފައި ބެހެއްޓުމަށް ނޭންގޭނެ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބުނެފި އެވެ.
އީޕީއޭ އިން ނެރުނު އިއުލާނެއްގައި ވަނީ މިހާރަކަށް އައިސް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކަށާއި ގޭގެ ދޮރުމައްޗަށާއި ކަންކަންމައްޗަށް ކުނި ނެރެފައި ބެހެއްޓުން އިތުރުވެފައިވާކަން ފާހަގަކޮށްފަ އެވެ.
މާލެ ސަރަހައްދުގެ މަގުތަކަކީ ކާރުބާރު ބޮޑު އަދި ހަނި މަގުތަކަކަށްވުމުން މަގުތަކަށް ކުނި ނެރެފައި ބެހެއްޓުމުން ތަފާތު އެކި އުނދަގޫތަކާ ކުރިމަތިވާ ކަމަށާއި މަގުތަކުގެ ސާފުތާހިރުކަން ގެއްލި މަގުތައް ހަރާބުވެ ގޮނޑުވަމުންދާ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ.
އީޕީއޭއިން ބުނީ ކުނި އުކާލުމުގެ ހިދުމަތް ދޭ ފަރާތްތަކުން އަންގައިގެން ކަމަށްބުނެ މަގުތަކަށް ކުނި ނެރޭކަން ފާހަގަކުރެވޭ ކަމަށެވެ.
"ކުނި އުކާލުމުގެ ހިދުމަތްދޭ ފަރާތެއްގެ މުވައްޒަފަކު މިގޮތަށް ކުނި ނެރިފައި ބަހައްޓަން އަންގައިގެން ނުވާނެ،" އީޕީއޭ އިން ވަނީ ބުނެފަ އެވެ.
އެގޮތަށް ކުނި ނެރެން އެންގިނަމަވެސް މަގުމަތީގައި ކުނި ކޮތަޅުތައް ބަހައްޓައިގެން ނުވާނެ ކަމަށް އެ އެޖެންސީން ވަނީ ބުނެފަ އެވެ.
އީޕީއޭ އިން ބުނީ ކުނި ނެގުމުގެ ހިދުމަތްދޭ ފަރާތުން އައިސް ނަގައިގެން ގެންދާނެ ކަމަށް ބަލައި ގޭދޮރުން ބޭރުގައި ކުނި ބަހައްޓާކަން ފާހަގަކުރެވޭ ކަމަށެވެ.
ކުނި އުކާލުމުގެ ހިދުމަތްދޭ ފަރާތުގެ މުވައްޒަފުން ގެއަށް ނުވައްދަންވެގެން ނުވަތަ އާންމުކޮށް އަންނަ ގަޑިއަށް ނައުމުން ކުނި ކޮތަޅު މަގުމަތީގައި ބަހައްޓާ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން އެކި މަސައްކަތްކުުރާ ތަންތަނުން ޕިކަޕެއް ފުރެންދެން މަގުމަތީގައި ކުނި ބަހައްޓާ ކަމަށާއި ފަރުނީޗަރު ފަދަ ތަކެތި އުކާލުމުގެ އަގު ބޮޑުކަމަށް ބުނެ މަގުމައްޗަށް ނެރެފައި ބަހައްޓާކަން ފާހަގަކުރެވޭ ކަމަށެވެ.
އެކަންކަމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނާއި ކުނި މެނޭޖުކުރުމުގެ ގަވާއިދާ ހިލާފުކަމެއްކަމަށްވާތީ އެފަދަ އަމަލުތައް ނުކުރުމަށް އީޕީއޭ އިން ވަނީ ނަސޭހަތްތެރިވެފަ އެވެ.