ވެމްކޯ

މަގުމަތީގައި ހުންނަ ކުނި ވެމްކޯއިން ނަގާކަށް ނުޖެހޭ: ވެމްކޯ

މަގުމަތީގައި ހުންނަ ކުނި ވެމްކޯއިން މިހާރު ނަގަން ނުޖެހޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ވެމްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ މާލެ ސިޓީގައި ހިމެނޭ 60،000 ގޭބިސީގެ ތެރެއިން ވެމްކޯގައި ރަޖިސްޓްރީ ކޮށްފައިވަނީ 25،000 ގޭބިސީ ކަމަށެވެ. ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުން މަގުމައްޗަށް ކުނި ނެރެން ނުޖެހޭނެ ކަމަށާއި މަގުމަތީގައި ހުންނަ ކުނި ނެގުމަކީ ވެމްކޯގެ ޒިންމާއެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

ވިލިމާލެއާއި، މާލޭގެ މަގުތަކާއި އެ ނޫންވެސް އާއްމު ތަންތަނުގައި އުފެދޭ ކުނި ނެގުމަށް ވެމްކޯ އާއި މާލެ ސިޓީ ކައުންސިލާ ދެމެދު 2019 ވަނަ އަހަރު ސޮއި ކުރި އެއްބަސްވުން ސިޓީ ކައުންސިލުން އާނުކޮށް އަމިއްލަ ކުނި ނަގަންޖެހުމުން އެކަމަކީ ކިހާވަރެއްގެ އުދަނގޫ މަސައްކަތެއްކަން މާލެ ސިޓީ ކައުންސިލަށް މިހާރު އެނގޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މާލެ ސިޓީން ކުނި ނެގުމަކީ ކިހާވަރެއްގެ ބުރަ މަސައްކަތެއްކަން މާލެސިޓީގެ މޭޔަރު ޑރ. މުއިއްޒަށް މިހާރު އެނގިވަޑައިގަންނަވާނެ. އެބޭފުޅުނަށް ވެމްްކޯގެ މަސައްކަތް އަންޑައެސްޓިމޭޓް ކުރެވުނީ،" މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ކައުންސިލުން އަމިއްލަ ކުނި ނަގާ ނެގުމަށް އިޝާރާތްކުރައްވާ ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ކުނި ނެގުމާ ހަވާލުވަންދެން މާލެ ތެރެއިން ކުނި ނެގުމުގެ މަސައްކަތް 24 ގަޑިއިރު ވަންދެން ވެމްކޯއިން ކުރި ކަމަށެވެ. ރަޖިސްޓްރީ ނުކުރާ ގޭގެއިން މާލޭގެ މަގުތަކަށް އަޅާ ކުނިވެސް އޭރު ނަގައިދީފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ނަމަވެސް ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މިފެންނަނީ މާލެ ސިޓީ ކައުންސިލަށް ކުނި ނުނެގިގެން އުޅޭ މަންޒަރު ކަމުގައިވެސް ވިދާޅުވި އެވެ.

މާލެ އާއި ވިލިމާލޭގައި އުފެދޭ ކުނި މާލެ ސިޓީ ކައުންސިލަށް ނުނެގޭނަމަ އަލުން ވެމްކޯއަށް މަސައްކަތް ހަވާލުކުރުމަށްވެސް ސިރާޖު ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ.

"ސިޓީ ކައުންސިލަށް ކުނި ނުނެގެންޏާ ވެމްކޯއާ އެކަން ހަވާލުކުރައްވާ" ސިރާޖު ވިދާޅުވި އެވެ.

މާލޭގެ ގޭބިސީތަކުން ރެއިން ފެށިގެން މަގުމައްޗަށް ނެރެ ބަހައްޓާފައި ހުރި ކުނި ކޮތަޅުތައް ވެމްކޯއިން ނުނަގާތީ، ވެމްކޯގެ ޒިންމާދާރުކަމާ ދޭތެރޭ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް މިއަދު ވަނީ ސުވާލު އުފައްދަވާފަ އެެވެ.

ވެމްކޯގެ އަމަލުތަކާ މެދު ކަންބޮޑުވެވަޑައިގެން މުއިއްޒު ވިދާޅުވީ ގޭގެއިން ނެރެ ދޮރުމަތީގައި ބަހައްޓާ ކުނި ގެންދިއުމަކީ ވެމްކޯގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް ވެމްކޯއިން ރޭ ގަސްދުގައި ކުނި ނުނަގާކަން މޭޔަރު ފާހަގަކުރެއްވި އެވެ. މާލޭގެ މަގުތަކުގައި ކުނި ކޮތަޅުތައް ގިނަވެ ރެއިން ފެށިގެން ފުނިޖެހިފައިވާއިރު، ކައުންސިލުން މިއަދު އިރުއޮއްސުމާ ހަމައަށް 22 ޓަނަށް ވުރެ ގިނަ ކުނި ނަގާފައިވާ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކުގައި އުފެދޭ ކުނި ނެގުމަށް ވެމްކޯ އާއި އެކު މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން އާނުކުރުމަށް ސިޓީ ކައުންސިލުން ނިންމުމާއިއެކު، ވެމްކޯއިން އަމަލުކުރާނެ ކަމަށް ކުރިންވެސް ލަފާކުރި ގޮތަށް އެ ކުންފުނިން އަމަލުކޮށްފައި ކަމަށެވެ. ވެމްކޯގެ މި އަމަލަކީ "ފިނޑި" އަދި "ޒިންމާދާރުކަން ކުޑަ އަމަލެއް" ކަމުގައިވެސް ވިދާޅުވި އެވެ.