މަސްވެރިކަން މެނޭޖުކުރުމަށްޓައި ލަފާދޭ ތިން ކޮމިޓީއެއް އެކުލަވައިލުމުގެ ގޮތުން އެ ކޮމިޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލާން ޝައުގުވެރިވާ މީހުން ހޯޯދަން ފިޝަރީޒް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ މި ކޮމިޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލާން ކުރިންވެސް ހުޅުވާލުމުން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވުމާއި ގުޅިގެން، މި މަހު 19 ގެ ކުރިން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން ފިޝަރީޒް މިނިސްޓްރީން އެކުލަވައިލުމަށް ނިންމާފައިވާ ތިން ކޮމިޓީއަކީ ކަނޑުމަހުގެ މަސްވެރިކަމާއި، ފާނަ މަސްވެރިކަމާއި ހިބަރު މަސްވެރިކަން މެނޭޖުކުރުމަށްޓަކައި ލަފާދޭ ކޮމިޓީތަކެކެވެ. މި ކޮމިޓީގެތަކުގެ މަންދޫބުންގެ ދައުރުގެ މުއްދަތަކީ ފަސް އަހަރެވެ.
ކަނޑުމަހުގެ މަސްވެރިކަން މެނޭޖުކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް:
- ކަނޑުމަހުގެ މަސްވެރިކަންކުރާ މަސްވެރިން ތަމްސީލުކުރާ ތިން މަސްވެރިން
- އެކްސްޕޯޓްކުރުމަށް ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މެމްބަރެއް
- ރާއްޖޭގެ ބާޒާރަށް ކަނޑުމަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކުގެ މެމްބަރެއް
- ކަމާގުޅޭ ދެ ޖަމިއްޔާއެއްގެ ތަމްސީލުކުރާ ދެ މެމްބަރުން
ފާނަ މަސްވެރިކަން މެނޭޖުކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް:
- ފާނައިގެ މަސްވެރިކަން ތަމްސީލުކުރާ ތިން މެމްބަރުން
- ފާނަ އެކްސްޕޯޓްކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މެމްބަރުން
- ކަމާގުޅޭ ޖަމިއްޔާއެއް ތަމްސީލުކުރާ މެމްބަރެއް
ހިބަރުގެ މަސްވެރިކަން މެނޭޖުކުރުމަށް ލަފާދޭ ކޮމިޓީގެ މަގާމުތައް:
- ހިބަރުގެ މަސްވެރިކަން ތަމްސީލުކުރާ ތިން މެމްބަރުން
- ހިބަރުގެ ބާވަތްތައް ޕްރޮސެސްކުރާ ފަރާތްތައް ތަމްސީލުކުރާ ދެ މެމްބަރުން
- ކަމާގުޅޭ ޖަމިއްޔާއެއް ތަމްސީލުކުރާ މެމްބަރެއް
މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން ތަންފީޒުކުރެވޭ މިންވަރު ބެލައި، ޕްލޭން ތަންފީޒުކުރެވޭ ގޮތުގެ ތަފްސީލު އަހަރަކު އެއް ފަހަރު މިނިސްޓަރަށް އެރުވުމަކީ މި ކޮމިޓީތަކުގެ ޒިންމާ އެކެވެ. އަދި މަސްވެރިކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް ނެރެވޭ ނަތީޖާތަކާއި އަޅަންޖެހޭ މެނޭޖުކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުންނާއި، ސަރަހައްދީ ފެންވަރުގައި މަސްވެރިކަމުގެ ވިޔަފާރި މެނޭޖުކުރުމާއި ގުޅޭގޮތުން މިނިސްޓްރީއަށް ލަފާ ދިނުމަކީވެސް ކޮމިޓީތަކުން ކުރަންޖެހޭނެ މަސައްކަތެކެވެ.
ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލާ މީހުންނަކީ އެމީހަކު ކުރިމަތިލާ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފަދަ ގާބިލު މީހަކަށް ވާންޖެހޭނެ ކަމަށާއި އިންތިހާބީ އަދި ސިޔާސީ މަގާމެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއްގައި ހުރި މީހަކަށް ވެގެންނުވާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.