ޕީޕީއެމް

ފުލުހުންގެ މައްސަލަ އިދިކޮޅުން އެންއައިސީއަށް ހުށަހަޅަނީ

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ މުޒާހަރާތަކަށް ހުރަސްއަޅާ ފުލުހުން އަމަލުކުރަނީ ގާނޫނާއި ހިލާފަށް ކަމަށާއި، ފުލުހުންގެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ވަކީލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އެ ޕާޓީތަކުން ކުރިއަށް ގެންދާ އެއްވުންތަކަށް ފުލުހުން ހުރަސްއަޅާ މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަމުން ގެންދާތީ އެކަން ކުށްވެރިކޮށްފަ އެވެ.

މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށް ބަންދުކުރުމުގައި ފުލުހުން އަމަލުކުރަނީ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ކަމަށް އެ ޕާޓީތަކުގެ ވަކީލުން ތުހުމަތު ކުރެއްވި އެވެ.

"މުޒާހަރާގެ ބައިވެރިން ހައްޔަރުކުރާއިރު ފުލުހުން ޖިޕުގަ އަންނަނީ ކުއްލި ކުއްލިއަށް. އެއްވެސް އިންޒާރެއް ނުދީ ފަހަތުން ޖަހައިގަނެގެން ގެންދަނީ. މިފަދައިން އަމަލުކުރުމަކީ ގާނޫނާ ހިލާފު ކަމެއް،" ވަކީލުން ވިދާޅުވި އެވެ.

ވަކީލުން ވިދާޅުވި ގޮތުގައި އެ ޕާޓީން އެއްވުންތަކާއި މުޒާހަރާތައް ކުރިއަށް ގެންދަނީ އެއްވެއުޅުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން އެއްވެއުޅުން ހުއްދަ ސަރަހައްދުތަކުގަ އެވެ. މުޒާހަރާތަކުގައި އެއްވެސް މާރާމާރީއެއް ހިންގާފައި ނުވާނެ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިއަށް މިގެންދާ އެއްވުންތަކަކީ ގާނޫނާ އެއްގޮތަށް ހުއްދަ ލިބިފަ ހުރި ސަރަހައްދުތަކުގަ ކުރިއަށް ގެންދާ އެއްވުންތަކެއް. މަނާކޮށްފަވާ އެއްވެސް ސަރަހައްދަކަށް އަޅުގަނޑުމެންގެ ތެރެއިން މީހަކު ވަދެފައެއް ނޯންނާނެ،" ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ވަކީލުން ވިދާޅުވި އެވެ.

ވަކީލުން ވިދާޅުވި ގޮތުގައި މުޒާހަރާތަކުން މީހުން ހައްޔަރުކުރަނީ އެއްވެސް ހެއްކެއް ނެތި އެވެ.

މުޒާހަރާތަކުން މީހުން ހައްޔަރުކުރުމަށްފަހު އެމީހުންނާމެދު ގާނޫނާއި ހިލާފު ގޮތްތަކަށް އަމަލުކުރާ ކަމަށާއި ބަލާފާސްކުރަނީވެސް ގަވާއިދާ ހިލާފަށް ކަމަށް ތުހުމަތު ކުރެއްވި އެވެ.

މާލޭގައި އިދިކޮޅު ކޯލިޝަނުން ސިލްސިލާ މުޒާހަރާތަކެއް ފަށާފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރުމުންނެވެ. އެ ރޭ އިން ފެށިގެން ޕީޕީއެމް-ޕީއެންސީ އިން އަންނަނީ ކޮންމެ ރެޔަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ.