ރައީސް އަބްދުﷲ ޔާމީން

ރިޔާސީ އިންތިހާބުގައި ވޯޓު ލެއްވުމަށް ޔާމީން ރީރަޖިސްޓްރީ ކުރައްވައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރީރަޖިސްޓާ ކުރައްވައިފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލެއްވުމަށް ރައީސް ޔާމީން ރީރަޖިސްޓްރީ ކުރައްވާފައެއް ނުވެ އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައިވެސް ވޯޓު ލެއްވުމުގެ ފުރުސަތު ފަހިވާނެ ކަމަށް ރައީސް ޔާމީން އުއްމީދުކުރެއްވި ކަމަށެވެ.

"އެއިންތިޒާމު ހަމަނުޖެހުމުން ކުރިން ވޯޓު ނުލެވުނު ނަމަވެސް ދެވަނަ ބުރުގެ ވޯޓް ލުމުގެ އިންތިޒާމު މިހާރު ވަނީ ފުރިހަމަ ކުރައްވާފައި،" ޖަމީލް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްވެސް ރައީސް ޔާމީން ކުރިން މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެމަނިކުފާނަކީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅަކަށް ވާތީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝަރުތު ހަަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވީ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 101،494 ވޯޓެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ.