ރައީސް އޮފީސް

ނާޒިމުގެ ކެމްޕޭންގައި ބައިވެރިވުމަށް ރިޔާޒު އިސްތިއުފާ ދެއްވައިފި

Jan 9, 2023

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ކެމްޕޭންގައި އަމަލީގޮތުން މަސައްކަތް ކުރެއްވުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އެކުލަވާލި ސަރުކާރުގައި ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ރިޔާޒު އެންމެ ފުރަތަމަ އައްޔަންކުރެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ.

އެ މަގާމުގައި ހުންނަވަނިކޮށް ރިޔާޒަށް ތުހުމަތު ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އޭނާ ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު މިދިޔަ މަހުގެ ތެރޭގައި އަލުން ވަނީ ވަޒީފާއަށް ނިކުންނަވަން އަންގަވާފަ އެވެ. ނަމަވެސް ނިކުންނަވަން އެންގެވީ ޓްރާންސްޕޯޓް މިނިސްޓްރީ އަށެވެ.

ރިޔާޒު މިއަދު ރައީސް ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމުގެ ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެ، އެ ކެމްޕޭނަށް ވަގުތު ދިނުމުގެ ގޮތުން މަގާމުން އިސްތިއުފާ ދެއްވަނީ ކަމަށެވެ.

"އަދި ދަންނަވަމެވެ. 2018 ޑިސެމްބަރު މަހުން ފެށިގެން އަޅުގަނޑު މިމަގާމުގައި ގައުމަށް ހިދުމަތް ކުރުމަށް މަނިކުފާނުގެ ސަރުކާރުގައި މަސައްކަތް ކުރަން ފުރުސަތު ދެއްވި ކަމަށްޓަކައި ނުހަނު އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ." ރިޔާޒުގެ ސިޓީގައި ވިދާޅުވެފައިވެ އެެވެ.

ސްޓޭޓް މިނިސްޓަރު ކަމަށް ރިޔާޒު އައްޔަންކުރެއްވީ ޖުމްހޫރީ ޕާޓީގައި ހުންނަވަނިކޮށް ކަމަށްވީ ނަމަވެސް އޭނާ މިހާރު ހުންނެވީ އެމްއެންޕީގެ މެންބަރެއްގެ ގޮތުގަ އެވެ. އެމްއެންޕީ އަކީ އިދިކޮޅު ޕާޓީއެއް ކަމަށް އެ ޕާޓީން ވަނީ ރަސްމީކޮށް ކަނޑައަޅާފަ އެވެ.