ހަބަރު

ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަވަހާރަވެއްޖެ

Jan 23, 2015

ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރަވެއްޖެ އެވެ.

ސައުދީގެ ގައުމީ ޓީވީން ދެންމެ އިއުލާން ކުރި ގޮތުގައި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ އިރާކޮޅު ރަސްގެފާނު ވަނީ އަވަހާރަވެފަ އެވެ.

ސައުދީގެ ތަހުތުގައި 2005 ވަނަ އަހަރުން ފެށިގެން ހުންނެވި ރަސްގެފާނު އަބްދުﷲ އަވަހާރަވުމާ އެކު އެމަނިކުފާނުގެ ކޮއްކޯފުޅު ސަލްމާން ބިން އަބްދުލް އަޒީޒު، 77، މިހާރު ވަނީ ތަހުތަށް އިސްކޮށްފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރަސްގެފާނަށް އަސްކަރީ ހޮޕިޓަލެއްގައި ފަރުވާ ދެމުން ގެންގޮސްފައި ވަނީ ނިއުމޯނިއާ ޖެހުމާ ގުޅިގެންނެވެ. ފަހުން ހާލުކޮޅު ގޯސްވެ ނޭވާފުޅު ލައްވަމުން ގެންދެވީ ވެސް ފުއްޕާމެޔަށް ހޮޅިއެއް ލައްވައިގެންނެވެ.

އަވަހާރަވި ރަސްގެފާނު ރަސްކަމަށް އިސްކޮށްފައި ވަނީ 2005 ވަނަ އަހަރު އެވެ. ނަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްކަމުން ވަރަށް ގިނައިން ފަރުވާ ހޯއްދަވައި ރަސްކަމުގެ މަސްއޫލިއްޔަތުތައް އެހެން ބޭފުޅުންނާ ހަވާލުކުރައްވާފައިވެ އެވެ. މިފަހުން އާލާސްކަންފުޅާ އުޅުއްވާތީ ރަސްކަމުގެ ބާރުތަކުގެ ޒިންމާ ނަންގަވާފައި ވަނީ ސަލްމާން އެވެ.

ސަލްމާން ރަސްކަމަށް އިސްކުރުމާ އެކު ވަލީ އަހުދުކަން މިހާރު ވަނީ އެއްބަފާ ކޮއްކޯފުޅު މުޣްރީން އަށް ދެއްވައިފަ އެވެ.

ރަސްގެފާނު އަބްދުﷲ އުފަންވެ ވަޑައިގެންފައި ވަނީ ރިޔާޟްގައި 1924 ވަނަ އަހަރު އެވެ. އެ މަނިކުފާނުގެ މަންމާފުޅަކީ ކުރީގެ ރަސްގެފާނު އަބްދުލް އަޒީޒް އާލް ސައުދު ކައިވެނި ބައްލަވައިގެން 16 ކަނބަލުންގެ ތެރެއިން އަށް ވަނަ އަނބިކަނބަލުންނެވެ. އަބްދުﷲ ވަނީ ސައޫދީ ސިފައިންގެ ކޮމާންޑަރު ކަމަށް 1962 ވަނަ އަހަރު އިސްކޮށްފަ އެވެ. އަދި 1982 ވަނަ އަހަރު ވަލީ އަހުދު ކަމާއި ބޮޑުވަޒީރުގެ ނައިބު ކަމަށް އިސްކުރި އެވެ. ރަސްކަން ލިބިވަޑައިގެންފައި ވަނީ 2005 ވަނަ އަހަރު ރަސްގެފާނު ފަހްދު ބިން އަބްދުލް އަޒީޒް އަވަހާރަވުމުންނެވެ.