ލައިފްސްޓައިލް

ޓްރެވަލް ބްލޮގާ މަރުވުމުގެ އިރުކޮޅެއް ކުރިން ނެގި ސެލްފީ

ނޭޕާލްގެ މަތިންދާބޯޓެއް ވެއްޓި އޭގެން ދަތުރުކުރި 67 މީހުން މަރުވި ހާދިސާގައި މަރުވިކަން ޔަގީންވި ފުރަތަމަ މީހަކީ ޓްރެވަލް ބްލޮގާ އެލެނާ ބަންޑްރޯ އެވެ.

ނޭޕާލުގެ ޕޮކާރާ އެއާޕޯޓަށް ޖައްސަން ދިޔަ މަތިންދާބޯޓު ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން އެލެނާ ވަނީ ބޯޓުގައި އިނދެ ސެލްފީއެއް ނަގައި ސޯޝަލް މީޑިއާގައި ޝެއާކޮށްފަ އެވެ.

ރަޝިއާގެ އުމުރުން 33 އަހަރުގެ އެލެނާ މި ސެލްފީއާ އެކު އޭނާގެ މި ދަތުރުގެ ވާހަކަތައް ވެސް ކިޔައިދީފައި ވެއެވެ.

ވެއްޓުނު މަތިންދާބޯޓުގައި އިނދެ އެލެނާ އަޕްލޯޑް ކޮށްލި ފޮޓޯގެ ކެޕްޝަނަކަށް ޖަހާފައިވަނީ "ގޯ ޓު ނޭޕާލް" (ނޭޕާލަށް ދާށޭ) އެވެ.

މޮސްކޯގައި ދިރިއުޅޭ އެލެނާ މަސައްކަތްކުރަނީ ސޯޝަލް މީޑިއާ މެނޭޖަރެއްގެ ގޮތުގަ އެވެ. އަދި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް އޭނާ އަބަދުވެސް ދަތުރުކޮށް ހަދަ އެވެ.

އެލެނާގެ ކުއްލި މަރާ ގުޅިގެން ސޯޝަލް މީޑީއާގައި އެކަމާ ހިތާމަކޮށް ގިނަ ބަޔަކު ދަނީ މެސެޖުތައް ޕޯސްޓްކުރަމުންނެވެ.

ހަތަރު ކުރޫ މެންބަރުންނާއެކު ޖުމްލަ 72 މީހުން ތިބި މަތިންދާބޯޓު ޖައްސަން މަދު ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް ވެއްޓުމުން އޭގެން ދަތުރުކުރި އެންމެން ވަނީ މަރުވެފަ އެވެ. ބޯޓު ޖައްސަން ދިޔަ ޕޮކާރާ އެއާޕޯޓަކީ ވަރަށް ފަހުން ހުޅުވި އާ އެއާޕޯޓެކެވެ.